ކުލި ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިިފި

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ.

އެޕެޓިޝަން ތައްޔާރުކޮށްފައިވަނީ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން ނެވެ. އެ ޕެޓީޝަނުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 800 އަށް ވުރެން ގިނަ މީހުންގެ ސޮޔާއެކުއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ބިލެއް ނުވަތަ ގަރާރެއް ނުވަތަ ޕެޓިޝަނެއް ވެސް ހުށަހެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ. މި ގޮތުން ސަރުކާރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ވަކިވަކި ފަރުދުން ވެސް މަޖިލީހަށް ޕެޓިޝަން ހުށަހަޅާނަމަ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކުރަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހަޅައިދެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ. މެންބަރު އަލީ ހުސެއިން އަކީ މާލޭގެ ކުލި ކޮންޓްރޯލް ކުރަން ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެންދަވާ ފަރާތެކެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއިރު ސަރުކާރުން ކުއްޔާ ބެހޭ ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެން ތަންތަން ކުއްޔަށް ދިނުން މަނާ ކޮށްފައިވީ ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.