މިއީ ވަގުތީ ސްކޫލެއް، މަސައްކަތް ނިންމީ 4 މަހުން!

ހިޔާ ފްލެޓު ސަރަހައްދުގައި އިމާރާތްކުރި ވަގުތީ ސްކޫލު ---

ރާއްޖޭގައި މިހާތަނަށް “ވަގުތީ” ގޮތުން އިމާރާތެއް އަޅައިފި ނަމަ “ދާއިމީ” ތަނަކުން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ލިބިފައެއް ނުވެއެވެ. އެކަމަކު ޝަކުވާތަކަކީ މީގެކުރިން އެތައް ބަޔަކު ކޮށްފައިވާ ޝަކުވާތަކެކެވެ. ނަމަވެސް މިއަދު ހުޅުމާލެ ދެވަނަ ފޭސްގައި ހުޅުވި ކާމިލް ދީދީ ސްކޫލަކީ ވަގުތީ ތަނަކަށްވީ ނަމަވެސް ސްކޫލަކުން ލިބެންޖެހޭ އެއްވެސް ހިދުމަތެއް އެ ވަގުތީ ސްކޫލުން ނުލިބި ނުދާނެއެވެ.

އެތަނުގައި ޖުމްލަ 24 ކުލާސް ރޫމު އެބަހުއްޓެވެ. ހޯލަކާއި އޮފީސްތަކާއި ހެލްތު ރޫމަކާއި ކައުންސެލިން ދޭ ތަނަކާއި ކުޅޭނެ ސަރަހައްދަކާއި މި ނޫންވެސް އެކި ތަންގަން ހަދާފައި އެބަހުއްޓެވެ. އެތަން ހަދާ ނިންމާފައި ހުރީ އެންމެ ހަތަރު މަހުންނެވެ. މިއީ ވަގުތީ ތަނެއް ހެދިއަސް ވަރަށް ކުރު މުއްދަތެކެވެ. ބައެއް ފަރާތްތަކުން އެ ސްކޫލަށް އެކަނި 23 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން ގެންދާ ވާހަކައަކީ ވެސް މުޅިން ދޮގު ވާހަކައެކެވެ.

ހަގީގަތަކީ އެ ސްކޫލާއި އިންވެގެން އިތުރު އެހެން ވަގުތީ ސްކޫލެއް އަންނަނީ ހަދަމުންނެވެ. 23 މިލިއަން ރުފިޔާ ހަރަދު ވަނީ ޖުމްލަ 2 ސްކޫލެއް ހެދުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ވަގުތީ ސްކޫލު ވެސް އަންނަ މަސް ތެރޭގައި ނިމި ބޭނުން ކުރެވެން ފަށާނެއެވެ.

ހިޔާ ފްލެޓު ސަރަހައްދުގައި އިމާރާތްކުރި ވަގުތީ ސްކޫލު —

އެތަނުގެ އަގާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން ބުނީ ބޮޑު ސްކޫލެއްގެ ގޮތަށް އިމާރާތް ކުރާ ނަމަ، 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށެވެ. ނަމަވެސް ވަގުތީ ސްކޫލެއް އެހާމެ ކުރު މުއްދަތެއްގައި ނިންމުމަށް 23 މިލިއަން ހަރަދުވެދާނެ ކަމަށް ބުންޏެވެ.

ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވިއިރު އެ ސަރަހައްދުގައި ސްކޫލެއް ނުހުރެއެވެ. އެތަނުގައި ދިރިއުޅޭ މީހުންގެ ދަރިން ހުޅުމާލޭގެ ސްކޫލުތަކަށް ވައްދަން ބެލިއިރު ޖާގައިގެ ދަތިކަން އޮތީ ކުރިމަތިވެފައެވެ. އެހެންކަމުން އެކުދިން ގެންދަން ޖެހެނީ މާލޭގެ އެކި ސްކޫލުތަކަށެވެ. އެކަން ވެގެން ދިޔައީ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑު ތަކުލީފަކަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފޭސްގައި ހުރީ ހަދަން ފަށާފައިހުރި ޓަވަރުތަކެއް އެކަނި ކަމަށާއި އެތަނުގައި ވަސީލަތްތައް ގާއިމަކުރާނެ ޕްލޭނެއް ނެތް ކަމަށެވެ. އަދި ސްކޫލެއް އިމާރާތް ކުރުމުގެ ވެސް ޕްލޭންގައި ނެތް ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ މި އަހަރުގެ ތެރޭގައި ހުޅުމާލޭ ދެ ވަނަ ފޭސްގައި 6000 ކުދިންގެ ޖާގަ ލިބޭނެހެން ސްކޫލްތަކެއް އެޅުމަށް ކަމަށް ވިދާޅުވެ، މިއުވާން ވަނީ  ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ކުދިންނާއެކު ހުޅުމާލެ އަށް ހިޖުރަކުރުމުން ދެ ވަނަ ފިޔަވަހި ތޮއްޖެހުނުކަން ފާހަގަކުރައްވާފައެވެ.

ހިޔާ ފްލެޓު ސަރަހައްދުގައި އިމާރާތްކުރި ވަގުތީ ސްކޫލު ނާއިބު ރައީސް ފައިސަލް ނަސީމް ހުޅުވައި ދެއްވުމަށްފަހު ކްލާސް ރޫމެއްގައި —

“މިއާއެކު ސަރުކާރަށް މަޖުބޫރުވީ އަވަސްގޮތެއްގައި ތައުލީމީ ވަސީލަތްތައް ފަހިކޮށްދޭން ޖެހުނު. މިކަން ކުރަންޖެހުނީ ކޮވިޑްގެ ސަބަބުން ތަކެތި ލިބުމުގައި ހުރި ދަތިތަކާވެސްއެކު. އަހުމަދު ކާމިލްދީދީ ސްކޫލަކީ 164 ދުވަހުން ވަރަށް އަވަހަށް ނިންމި ވަގުތީތަނެއް. އެއީ ޕްރީ ސްކޫލެއްގެ ހިދުމަތް ވެސް އަވަހަށް ފޯރުކޮށްދޭން މަޖުބޫރުވުމުން. އެހެން ނޫންނަމަ ކުދިންނަށް ތައުލީމީ ފުރުސަތުތައް ބަންދުވާނެ،” މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ 23 މިލިއަން ރުފިޔާ އަކީ އެ ޕްރީ ސްކޫލަށް އެކަނި ހަރަދުވި ވަރެއް ނޫން ކަމަށެވެ.

“މިއީ އަލަށް މިސްކޫލް ހުރި ބިމުގައި އަޅަމުންދާ ސްކޫލްތަކާއި ކުރަންހުރި އެންމެހާ މަސައްކަތްތަކަށް ހަރަދުވާވަރު. 23 މިލިއަން ރުފިޔާ ހަރަދުވީ ހުޅުމާލެ އަށް ގިނަ ކުދިންތަކެއް އައިސް އަވަހަށް ސްކޫލްގެ މަސައްކަތް ނިންމަންޖެހުމުން،” މިއުވާން ވިދާޅުވިއެވެ.

ސަރުކާރުގެ ބޭނުމަކަށްވީ ސްކޫލުގެ ސަބަބުން ދުރަށް ކުދިން ގޮވައިގެން ހިނގާފަ އާއި ސައިކަލްތަކުގައާ އަދި ކާރަށް ފައިސާދީގެން ދުރުދަތުރު ކުރަން ޖެހިފައިވާ މީހުންނަށް ލުއިފަސޭހަތަކެއް ހޯދައި ދިނުން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ޕްރީ ސްކޫލް ވެސް އަންނަ އޮކްޓޯބަރު މަހު ހުޅުވާނެއެވެ. އަދި އަލަށް އިމާރާތް ކުރާ ސަލާހުއްދީން ސްކޫލް އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާނެއެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ސީއެޗްއެސްއީގެ އާ އިމާރާތް ވެސް އަންނަ މާޗު މަހު ބޭނުންކުރަން ފަށާނެއެވެ. މިއާއެކު 6000 ކުދިންނަށް ރީތި އިމާރާތްތަކެއް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސުވާލަކީ ކީއްކުރަންތޯ “ވަގުތީގޮތުން” 23މިލިއަން ބޭކާރުކުރަންވީ؟ ދާއިމީތަނެއް ނިންމޭނެ 24މަހުން..

  2. ދައުލަތުން ތިހާ ބޮޑު ޚަރަދުކޮަށްގެން ވަގުތީ ތިވަރުގެ ތަނެއް ހަމަޢޯކޭތޯ؟ކުރިން ނޭގޭތޯ ސްކޫލް ބޭނުންވާނެކަމެއް.ވަގު ސަރުކާރުގެ ސިޔާސީ ޕޯސްޓް ޖަހަން މުސާރަދީފަތިބި މީހުންނަށް ހަޖަމް ވިޔަސް ނުވިޔަސް މީ ހަމަ ބަޔަކަށް ރުފިޔާދޭން ކޮށްފައޮތް ކަރަޕްޝަންގެ އަމަލެއް.ފެންވަރު ރަނގަޅު ދާއިމީ ސުކޫލެއް އަޅަން ފުރުސަތު ލިބުނު.ވަގުތީ ތަނެއް އަޅާކަށް ނުޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published.