ދައުލަތުގެ އޮފީސްތަކުގެ އާމްދަނީގެ ތަފްސީލު ހިއްސާކުރުމަށް އެދިއްޖެ

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރު --

ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށާއި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީއަށް އަހަރު ތެރޭގައި އަންނަ ބަދަލުތައް ދެނެގަތުމަށް ދައުލަތުގެ އޮފީސްތަކަށް ލިބޭ އާމްދަނީގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އާ ހިއްސާކުރުމަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުންދޭ ހިދުމަތްތަކަށް ނަގާ ފީ ހިމެނޭނެހެން އެ އޮފީސްތަކަށް ލިބޭ ހުރިހާ އާމްދަނީއެއްގެ ތަފްސީލު އެ މިނިސްޓްރީއާ ހިއްސާ ކުރުމަށް އެދޭކަމަށެވެ.

އެގޮތުން އޮފީސްތަކަށް ލިބޭ އާމްދަނީގެ ޖީއެލް ކޯޑާއި ޖަމާކުރާ ފަންޑުގެ ތަފްސީލާއި އާމްދަނީ ނެގުމަށް ހަމަޖެހިފައިވާ ގާނޫނާއި ގަވާއިދު ނުވަތަ އެއްބަސްވުމުގެ ތަފްސީލު އެނގޭނެހެން އެ މައުލޫމާތު ހިއްސާ ކުރުމަށް ފިނޭންސުން ވަނީ އެދިފައެވެ. އަދި އެ އާމްދަނީ ނަގަން ފެށި ތާރީހާއި އާމްދަނީ ނަގާ ގޮތް (ރޭޓު އަދި ފްރެކުއެންސީ އެނގޭނެން) ހިއްސާ ކުރުމަށްވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ ދައުލަތުގެ އޮފީސްތަކުގައި އެދިފައެވެ.

މި މައުލޫމާތު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފިނޭންސް އާ ހިއްސާ ކުރުމަށްވެސް އެ ސާކިޔުލާގައި ވަނީ އެދިފައެވެ.

ދައުލަތުގެ އޮފީސްތަކުން ލިބޭ އާމްދަނީގެ ތަފްސީލް ހިއްސާ ކުރުމަށް ފިނޭންސް މިނިސްޓްރީން އެދުނުއިރު ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިދާނެތީ އޮފީސްތަކުގެ ހަރަދު ކުޑަ ކުރުމަށް ފިނޭންސުން ވަނީ އޮފީސްތަކަށް އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.