"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް"ގެ ނަމުގައި އިދާރާއެއް އުފައްދައިފި

ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް"ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ހާއްސަވެގެން މަސައްކަތްކުރާނެ އިދާރާއެއް، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގާއިމުކުރައްވާފައިވާ ކަމަށެވެ.

ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތީން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" ގެ ނަމުގައި އިދާރާއެއް ގާއިމުކުރަން ގާނޫނުން ލާޒިމްކުރެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ މިއަދުން ފެށިގެން އެ އިދާރާ ގާއިމު ކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށުން ހިންގަވާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އުފެއްދެވުމާއި ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވައި، އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، އެ އިދާރާއިން ކުރާގޮތަށް ވަނީ ބަދަލުކުރައްވާފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.