ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި

ސްކޫލު ދަރިވަރުންތަކެއް --- ފޮޓޯ އޭދަފުށި ޓައިމްސް

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ބަލިތަކުން ދަރިވަރުން ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އިތުރު ހަރަކާތްތައް މެދުކަނޑާލަން ނިންމި އަނެއް ސަބަބު ކަމަށް ސާކިއުލާގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިހި ކޮންޓްރޯލް ކުރުމެވެ. އެގޮތުން ސާކިއުލާގައި ވަނީ ބައެއް ދަރިވަރުންނަށް ވެސް ހިމަބިހި ޖެހިފައިވާކަން ފާހަގަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ލަފާގެ މަތިން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ސްކޫލުތަކަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ބުނެފައިވަނީ ސްކޫލުތައް ބަންދު ކުރަން ޖެހިއްޖެ ހާލެއްތައި އެކަންވެސް ކުރާނެ ކަމަށެވެ.

އިތުރު ހަރަކާތްތައް މެދުކަނޑާލަން ސްކޫލުތަކަށް އަންގާފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20ވަނަ ދުވަހާއި ހަމައަށެވެ. މެދުކަނޑާލަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި އަމަލީ ދަތުރުތަކާއި ސްކޫލުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި ތަފާތު އެކި ހަރަކާތްތަކުގެ ޕްރެކްޓިސްތަކާއި ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.

މީގެއިތުރުން ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ފެއާތަކާއި އަދި އެކްޓިވިޓީ ކަލެންޑަރުގައި ހިމަނާފައިވާ ހަރަކާތްތައްވެސް މެދުކަނޑާލުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.