ކައުންސިލް އިންތިހާބުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރެވޭނީ ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެން

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ރާއްޖެ އެމްވީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގައި ހުއްދަ ނެތި ކެމްޕެއިން ޕޯސްޓަރު ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެއްވެސް ފީއަކާ ނުލައި މާލޭގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ޕޯސްޓަރު ހަރުކުރުމުގެ ހުއްދައަކަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވަނީ ހުއްދަ ނެތި ޕޯސްޓަރު ހަރުކޮށްފި ނަމަ ނުވަތަ ޕޯސްޓަރުތައް ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެތަކެތި ނުނަގައިފި ނަމަ ޖޫރިމަނާކުރާނެ ކަމަށެވެ. އެގޮތުން، ހުއްދަ ނުނަގާ ޕޯސްޓަރު ހަރުކުރާ ނަމަ، ކޮންމެ ދުވަހަކަށް 1،000ރ. އާއި 2،000ރ. އާ ދެމެދުގެ އަދަދަކުން އެ ކެންޑިޑޭޓަކު ޖޫރިމަނާ ކުރެވޭނެ ކަމަށާއި ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެ ތަކެތި ނުނަގާ ބަހައްޓާ ކޮންމެ ދުވަހަށް ވެސް 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޕޯސްޓަރު ހަރުކުރުމުގެ ހުއްދައަކަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅާއިރު ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުމާއި ހަރުކުރާ ޕޯސްޓަރެއްގެ ހާޑް ކޮޕީ އާއި އަމިއްލަ އިމާރާތެއްގައި ހަރުކުރާ ނަމަ، އެތަނެއްގެ ވެރި ފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ދީނާ ގުޅުންހުރި ޕޯސްޓަރެއް ނަމަ، އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ސިޓީ ކައުންސިލުން ބުނީ ދައުލަތުގެ އިމާރާތްތަކާއި އެފަދަ ތަންތަނުގެ ފާރުތަކާއި ސަހަރާތަކާއި ޕާކްތަކުގެ އިތުރުން ކަރަންޓް ފޮށިތަކުގެ ޕޯސްޓަރު ހަރު ނުކުރެވޭނެ ކަމަށެވެ. އަދި މަގުމައްޗަށާއި ވެހިކަލްތަކުގެ ތެރެއަށް ޕޯސްޓަރު އެޅުމަކީ މަނާ ކަމެއް ކަަމށް ސިޓީ ކައުންސިލުން ބުނެއެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި 2،400 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.