މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް މިނިމަން ވޭޖް ކަނޑައަޅައި އިއުލާން ނުކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބައެއް ނޫސްތަކުގަ އެފަދައިން ރިޕޯޓުކޮށްފަ އޮތުމުން ނެވެ.
This is not correct. There is no delay from Majlis. https://t.co/6y2orKJFW7
— Fayyaz Ismail (@faya_i) March 1, 2020
މިނިސްޓަރު ފައްޔާޒް މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރަން އުއްމީދުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް ފޮނުވާފައިވާ ކަމަށާއި، އަދި މާގިނަ ދުވަސްތަކެއް ނުވެ މަޖިލީހުގެ ލަފާ އެ ރިޕޯޓަށް ލިބިގެންދާނެ ކަމަށެވެ.
Deadline has passed and unfortunately Minimum Wage has not been declared. My apologies for that. Expectation was that we would be able to do so by end of February. The matter has been sent to Parliament and I believe it’s a matter of days before we get the view of Majlis https://t.co/G8NoiYy86p
— Fayyaz Ismail (@faya_i) March 1, 2020
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރައްވާނެ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔައިރު އަދިވެސް މިނިމަން ވޭޖް އިއުލާން ނުކުރެވެއެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންވަނި އަމާޒުވެފައެވެ.
ސަރުކާރުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މިނިމަން ވޭޖް ކަނޑައަޅަން ލަފައެއް ހޯދުމަށް ރައްޔިތުން މަޖިލީހަށް ފޮނުވާފަ އެވެ. ސަރުކާރުން ފޮނުވި ރިޕޯޓުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުހން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނެ އެވެ.
ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ބިލެއް ވެސް މަޖިލީހަށް ފޮނުވާފައިވެ އެވެ. މި ބިލްގައިވާ ގޮތުން ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. އަދި އެ އަދަދުތައް ކަނޑައެޅުމުގެ ބާރު ބިލުން ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިމަމް ވޭޖަށް ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބިލަކު ނެތެވެ.
ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އިގްތިސާދަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން އޭގެ ކުރިން ވެސް އެ އަދަދުތައް މުތާލިއާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.