މިނިމަމް ވޭޖު އިއުލާން ނުކުރެވުމުން މިނިސްޓަރު މައާފަށް އެދިއްޖެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް-

ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖްް ކަނޑައަޅައި އިއުލާނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނިކޮށް ފެބްރުއަރީ މަސް ނިމިގެން ދިޔައިރުވެސް މިނިމަމް ވޭޖް އިއުލާނެ ނުކުރެވުމުން މިނިސްޓަރު އެކަމަށް މައާފަށް އެދިވަޑައިގެންފިއެވެ.

މިނިސްޓަރު ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރަން އުއްމީދުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް ފޮނުވާފައިވާ ކަމަށާއި، އަދި މާގިނަ ދުވަސްތަކެއް ނުވެ މަޖިލީހުގެ ލަފާ އެ ރިޕޯޓަށް ލިބިގެންދާނެ ކަމަށެވެ.

 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރައްވާނެ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔައިރު އަދިވެސް މިނިމަން ވޭޖް އިއުލާން ނުކުރެވެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މަޖިލީހުގެ މެންބަރުންގެ ލަފައެއް ހޯއްދެއްވުމަށް އެދިވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ރިޕޯޓް ފޮނުއްވާފައިވެއެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނޭ ގޮތެއް ކަރުދާހެއް މަޖިލީހަށް ފޮނުވާފައި ވެއެވެ. އެ ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

ވަޒީފާ އަދާ ކުރާ މީހުނަށް މިނިމަމް ވޭޖެއް ދިނުން ލާޒިމުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. މިނިމަމް ވޭޖާ ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނާ ގޮތުން ގާނޫނު ތަސްދީގުވާތާ ތިރީސް ދުވަސް ތެރޭގައި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑެއް އުފައްދަން ޖެހެއެވެ. އަދި އެ ބޯޑުން ހަތް ދާއިރާއަކަށް ވަކިވަކިން ރިއާޔަތްކޮށް، މިނިމަމް ވޭޖު ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ ދޭންޖެހެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތަކުގެ ތެރޭގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ސިނާއަތް، ތައުލީމީ ހިދުމަތުގެ ސިނާއަތް އަދި ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އިގްތިސާދަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން އޭގެ ކުރިން ވެސް އެ އަދަދުތައް މުތާލިއާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ދެ އަހަރަކުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ މުރާޖާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަދަލެއް ގެންނަން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ފެންނަ ނަމަ ބޯޑުން މިނިސްޓަރަށް ލަފާ އަރުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.