ކައުންސިލްތައް ލާމަރުކަޒީކޮށް 20 މަޝްރޫއެއް ހަވާލުކޮށްފި

ހެލްތް މިނިސްޓަރު އަމީން ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންފައި/ ފޮޓޯ- ހެލްތް މިނިސްޓްރީ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވިހި ރަށެއްގެ ކައުންސިލާއި ހަވާލުކޮށްފިއެވެ.

މަޝްރޫއުތައް ހިންގަން ހަވާލުކުރީ، ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދިގުރަށް، އދ. ދަނގެތި، މ. މުލައް، ލ. މާމެންދޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި އަދި ސ. ހުޅުދޫގެ ކައުންސިލަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ކައުންސިލްތަކާ ހަވާލުކުރި ގިނަ މަސައްކަތަކީ، ސިއްހީ މަރުކަޒަށް އިތުރުކުރާ ބައި ހެދުމުގެ ކަންކަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވި، ކައުންސިލްތަކަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހަގީގީ ބާރުވެރިކަން ލިބިގެންދާ ދުވަސް ކަމަށެވެ. އަދި ސިއްހީ ދާއިރާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ މި ފަސް އަހަރުތެރޭ ސިއްހީ ދާއިރާ އަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ސަރުކާރާއެކު ތިއްބެވުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. މީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކުގެ ދަށުން ފާއިތުވި އެތައް އަހަރެއްގައި ދެކެފައިނުވާ ކުރިއެރުން ސިއްހީ ދާއިރާ އިން މި ފަސް އަހަރުތެރޭ ހާސިލުކުރާނެ ކަމަށާއި އެގޮތުން ފުރަތަމަ އަހަރު ކުރި މަސައްކަތުގެ ނަތީޖާގެ ރާހަތުގެ ބޮޑު ބައެއް މިއަހަރު ފެންނަން ފަށާނެ ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *