ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން ކުރިމަތިލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތައް/ ފޮޓޯ- އީސީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނި 2،400 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކަމަށެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ އިދިކޮޅު ޕީޕީއެމްއިން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން 12 ރަށެއްގެ 15 ގޮނޑިއަކަށް ކުރިމަތިލާފައި ވަނި އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ އެ މީހުން އިންތިހާބަކާއި ނުލައި މަގާމަށް އިންތިހާބުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބާއި ގުޅިގެން ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައި ވަނީ 1،817 މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެ އިންތިހާބުގައި 22 ރަށެއްގެ ކޮމެޓީތަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ ނަން އަނބުރާ ނުގެންދާ ނަމަ، އިންތިހާބަކާ ނުލައިި އެ މީހުން އެ މަގާމުތަކަށް ހޮވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ތިން ރަށެއްގައި އެ ކޮމެޓީއަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ކަމަށާއި އެހެން ދެ ރަށެއްގައި އެއްވެސް މީހަކު އެ ކޮމެޓީއަށް ކުރިމަތިލާފައިވާ ނުވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، އެ ރަށްތަކުގައި ކޮމެޓީތަކަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރީ ރަޖިސްޓްރީވުމަށް 22،000 އަށް ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިހާބުގައި ހަރަކާތްތެރިވުމަށް އަދިވެސް އޮފިޝަލުން ލިބިފައި ނުވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އިންތިހާބުގައި 6،300 އޮފިޝަލުންނަށްވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށެވެ. މިހާތަނަށް ލިބުނީ 4،000 އޮފިޝަލުން ކަމަށާއި އެއީ ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންވެސް ހިމަނައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދިވެސް އިތުރަށް 2،000 އޮފިޝަލުން ބޭނުންވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެކަމާއި ގުޅިގެން ސަރުކާރު ކުންފުނިތަކާއި އަދި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.