ނަޝީދުގެ ވާހަކައަށް ޗައިނާ ސަފީރު ރައްދު ދެއްވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަޝީދުއާ ސަލާމް ކުރައްވަނީ: ފޮޓޯ / މަޖިލިސް

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ދަތުރުކުރައްވަމުން ގެންދާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްދު ދެއްވައިފިއެވެ.

އިންޑިއާގެ ގުޖުރާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮންފަރެންސްއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް މިހާރު ހިންގަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުތައް އިންޑިއާއިން ހިންގަމުން އަންނަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. ނަޝީދު ވިދާޅުވީ ހުދު ދިވެހި ރައްޔިތުންނަށްވެސް އެކަންކަމުގެ ތަފްސީލީ މައުލޫމާތުތައް އެނގޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ރާއްޖޭގައި އޭރަކު އޮންނަ ވެރިކަމަކަށް އިހުތިރާމްކޮށް ހަމަހަމަކަމާއެކު ކަންތައްކުރާ ކަމަށެވެ. އަދި އިންޑިއާގެ އަމަލުތަކުން އެއްވެސް އިރެއްގައި ރާއްޖެއަކަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަޝީދު މިމޭރުމުން ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިއާ ކަނޑަށް އެހެން ބާރަކުން އަތް ބާނަމުން އަންނަ ކަމަށެވެ. އެގޮތުން ޗައިނާގެ ނަން ވިދާޅުވެ ނަޝީދު ވިދާޅުވީ އެ ގައުމުން އިންޑިއާ ކަނޑަށް ބާރު ފޯރުވަމުން އަންނައިރު އިންޑިއާ ކަނޑުގެ އެކި ގައުމުތަކަށް ތަފާތު ކުރަމުން އަންނަ ކަމަށެވެ.
https://twitter.com/AmbassadorZhang/status/1233726899458719745?s=20
އެވާހަކަތަކަށް ރައްދު ދެއްވާ ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާތް ރަހުމަތްތެރި ގައުމަކަށް ތައުރީފުކުރާއިރު، އެގައުމާއި ރަހުމަތްތެރި އެހެން ގައުމުތަކާ އަޅާ ނުކިޔާ ލީޑަރުންނަށް އެކަން ކުރެވެން ވާނެ ކަމަށެވެ. އަދި އިންޑިއާގެ ކަނޑުގައި ހިމެނޭ ގައުމުތަކާ ޗައިނާ އިން ގުޅުން ބަދަހިކުރަނީ "ޕީސްފުލް ކޯއެގްސިސްޓަންސް"ގެ ފަސް އަސާސްގެ މައްޗަށް ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެގައުމުން އެގޮތަށް އަމަލުކުރަމުންގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެކުރިންވެސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި ޗައިނާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވިދާޅުވެފައެވެ. އެ ފާޑު ކިޔުންތަކާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން ޗައިނާ ސަފީރާއި ނަޝީދާއި ދެބޭފުޅުންގެ މެދުގައި ސޯޝަލް މީޑިއާގައި ހޫނު ބަހުސްތައްވެސް މީގެކުރިން ވަނީ ގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *