އިންޑިއާ މަޝްރޫއުތަކަކީ ދަރަނި ދަންތުރައެއް ނޫން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގުޖުރާތުގައި އޮތް ކޮންފަރެންސްގައި ވާހަކަދައްކަވަނީ --

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ ދަރަނި ދަންތުރައެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ތައުރީފު ކުރައްވައިފިއެވެ.

އިންޑިއާގެ ގުޖުރާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮންފަރެންސްއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް މިހާރު ހިންގަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުތައް އިންޑިއާއިން ހިންގަމުން އަންނަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. ނަޝީދު ވިދާޅުވީ ހުދު ދިވެހި ރައްޔިތުންނަށްވެސް އެކަންކަމުގެ ތަފްސީލީ މައުލޫމާތުތައް އެނގޭނެ ކަމަށެވެ.

"އިންޑިއާގެ މަޝްރޫއުތައް އިންޑިއާ ސަރުކާރުން ޓެންޑާ ކުރަނީ ޓްރާންސްޕޭރެންޓްކޮށް، އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ނުވޭ، އަހަންނަށް އިންޑިއާ ކަމުދޭ،" ނަޝީދު އިންޑިއާއަށް ތައުރީފު ކުރައްވާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ރާއްޖޭގައި އޭރަކު އޮންނަ ވެރިކަމަކަށް އިހުތިރާމްކޮށް ހަމަހަމަކަމާއެކު ކަންތައްކުރާ ކަމަށެވެ. އަދި އިންޑިއާގެ އަމަލުތަކުން އެއްވެސް އިރެއްގައި ރާއްޖެއަކަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަޝީދު މިމޭރުމުން ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިއާ ކަނޑަށް އެހެން ބާރަކުން އަތް ބާނަމުން އަންނަ ކަމަށެވެ. އެގޮތުން ޗައިނާގެ ނަން ވިދާޅުވެ ނަޝީދު ވިދާޅުވީ އެ ގައުމުން އިންޑިއާ ކަނޑަށް ބާރު ފޯރުވަމުން އަންނައިރު އިންޑިއާ ކަނޑުގެ އެކި ގައުމުތަކަށް ތަފާތު ކުރަމުން އަންނަ ކަމަށެވެ.
ނަޝީދު އަބަދުވެސް އަންނަނީ ރާއްޖޭގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ހިންގާފައިވާ ޕްރޮޖެކްޓުތަކަކީ ދަރަނި ދަންތުރައެއް ކަމަށް ވިދާޅުވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.