ރޭގެ ޖަލްސާއިން ފެނުނީ ނަޝީދުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނި މަންޒަރު: ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ / ހަތާވީސް

ރޭ އިދިކޮޅު ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު އެއްވުމުން އެނގިގެން ދިޔައީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނި މަންޒަރު ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއިން ފެނިގެން ދިޔައީ ރައްޔިތުން ތިން ކަމަކަށް ނޫނެކޭ ބުނި މަންޒަރު ކަމަށެވެ. އެގޮތުން އާއްމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ނަޝީދުގެ ސިޔާސަތުތަކަށްވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ ރޭގެ ޖަލްސާއިން އިތުރަށް ދިވެހި ރައްޔިތުން ބުނެދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ އެމަނިކުފާނުގެ ޕާޓީ ޕީޕީއެމްއިން ކޮށްދިން އިހުލާސްތެރި މަސައްކަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.

ރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ޕީޕީއެމްގެ ސަޕޯޓަރުން ބައިވެރިވިއެވެ. އަދި މީހުން ގިނަ އިށީންނާނެ ގޮނޑިތައް ހުސްވުމުން ޕީޕީއެމްގެ އިސްވެރިން ތިއްބެވީވެސް ކޮޅަށެވެ.

ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސެވެ. އެމަނިކުފާނު ނާއިބު ރައީސް ކަމުން ދުރު ކުރެއްވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވިގެން ދިއުމުންނެވެ. އޭގެފަހުން ޖަމީލް ދިރިއުޅެމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ. އޭރު އިނގިރޭސިވިލާތުގައި ހުންނަވާ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ޖަމީލް ދިޔައީ ފާޑު ވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް އޭރު ޖަމީލް ގެންދެވީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ނަމަވެސް ވެރިކަން ބަދަލުވެ ވަކި ހިސާބަކުން ފެނިގެން ދިޔައީ މި ސަރުކާރުގެ ސިޔާސަތުތަކަށް ޖަމީލް ފާޅުގައި ދެކޮޅު ހައްދަވާ އަޑުއުފުލަމުން ގެންދެވި މަންޒަރެވެ. އޭގެފަހުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ޖަމީލް ހަރަކާތްތެރިވާން ފެށިއެވެ. ދާދިފަހަކާއި ޖެހެންދެން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ޖަމީލް ވަނީ އެޕާޓީންވެސް ވަކިވެވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.