ރީކޯ، ވިދާޅުވަނީ ސިޔާސީ އޮއިވަރު ބަދަލުނުވާ ކަމަށް!

18ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ރިޔާސަތު މޫސަ ބަލަހައްޓަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖޭގެ ސިޔާސީ މަސްރަހާއި އޮއިވަރު ބަދަލުނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ "ހަތުރުން މިތުރުން" ނަށް ބަދަލުކޮށްގެން ކަމަށެވެ. ސިޔާސީ އެއްވުންތަކުގައި މީހުން ގިނަ ކުރުމަކީވެސް ޕާޓީ ހިންގަން ތިބޭ މީހުންގެ ހުނަރެއްކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ އިންތިހާބުގައި ރައްޔިތު މީހާ ދޭ ވޯޓު ގިނަފަހރު އިންތިޔާރު ކުރާނީ ސިޔާސީ އެތައް ކަމެއްގެ ތެރެއިން ކަމަށެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ ރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުޅި ކާނިވާ ސަރަހައްދު ޕީޕީއެމްގެ ސަޕޯޓަރުން ފުރާލުމާއި ގުޅިގެން ސަރުކާރު މައިޕާޓީ އެމްޑީޕީގެ ބައެއް އާއްމު މެންބަރުން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ރޭ ޕީޕީއެމްގެ ޖަލްސާ ބޭއްވިއިރު މި މަހުގެ 20ވަނަ ދުވަހު އެމްޑީޕީން ވަނީ އެޕާޓީގެ ކެމްޕެއިން ޖަލްސާ ބާއްވާފައެވެ. "ރަށްވެހި ފަތިސް" މިނަމުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ލިބިގެން ދިޔައީ ވަރަށް ފިނި ތަރުހީބެކެވެ. އެކަމާއި ގުޅިގެން އެމްޑީޕީއަށް އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ހުދު ޖަލްސާއަށް މީހުން މަދުން ދިޔަކަން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގަބޫލުކުރެއްވިއެވެ.

ސިޔާސީ އޮއިވަރު ބަދަލު ނުވާ ކަމަށް މޫސަ ވިދާޅުވިއިރު ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރު ވެރިކަމަށް ގެނައީ ދިވެހި ރައްޔިތުން ވަރަށް ބޮޑެތި ހުވަފެންތަކެއް އޮވެގެން ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަމުން ދަނީ ދިވެހި ރައްޔިތުން ދެކެމުން ދިޔަ ހުވަފެންތައް ބިލާހަކަށްވެ ސަރުކާރުން ދައްކަމުން ދިޔަ ވާހަކަތަކުގައި ކުލަ ނުޖެހި ރައްޔިތުން މާޔޫސްވާ މަންޒަރުތައް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.