ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ގޮތެއް ގަބޫލުކުރާ މީހުންނަކީ ލާދީނީ މީހުނެއް ނޫން: އެމްޑީޕީ

އެމްޑީޕީ އިން ބޭއްވި ހިނގާލުމެއްގެ ތެރެއިން --

ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ މިފަހަކަށްއައިސް، މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާ މެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ. އެގޮތުން އެކަން ހާސިލް ކުރުމަށް ޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާކަމަށް އެމްޑީޕީން ބުންޏެވެ.

އޭގެތެރެއިން އެއް މައުޟޫޢަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާ މެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާދާ ކަމަށާއި އޭގެ އެއް މިސާލަކީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޯކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ކަމަށް އެމްޑީޕީން ބުންޏެވެ.

“ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން،” އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށާއި އަދި ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖުތަމައުއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގަން ޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށެވެ.

ސަރުކާރުން އެ މަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށް ޓަކައި އެއްވެސް އަސްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމައު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އެފަދަ ވާހަކަތައް ދައްކަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާ އެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމުގެ ނިޔަތުގައި ކަމަށާއި އޭގެ ބޭނުމަކީ ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުން ކަމަށެވެ.

“ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސް ކުރަމެވެ.” އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ރަށްތަކުގައި ހިންގަމުން އަންނަ އެ ވޯކްޝޮޕާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާތީ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.