މާލެ ރައްޔިތުންވެސް ބޭނުންވަނީ ރައީސް ޔާމީންގެ ސްޕީޑުގެ ތަރައްގީ: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ---

މާލެސިޓީގެ ރައްޔިތުންވެސް މިއަދު ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ސްޕީޑު ކަމަށް އެމަނިކުފާނު ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ޓިކެޓުގައި މާލެސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"މިއީ މަގޭ ރާއްޖެ" މިނަމުގައި ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވި ނަމަ މާލެ ސަރަހައްދުގައި ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ކުރިޔަށް ދާނެ ކަމަށާއި އެ މަސައްކަތްތައް ނިމެންވެސް ކައިރިވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބުނު ނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ. އަދި ކިންގް ސަލްމާނު މިސްކިތްވެސް މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށާއި މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ވެސް މިހާރު ހުންނާނީ ފެށިފައި ކަމަށެވެ.

މާލެ ރައްޔިތުންވެސް ދެކެން ބޭނުންވީ އެ ތަރައްގީއާ އެ ސްޕީޑު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ސްޕީޑުގައި އަދިވެސް ރާއްޖެ ތަރައްގީ ކުރެވިދާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަން ކުރެވެން ދެން އޮތީ މާލެ ސިޓީ ކައުންސިލަށް ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުގައި ތިބި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރުމުން ކަމަށެވެ.

"މާލެއަށް އެބަ ބޭނުންވޭ އިހުލާސްތެރިކަމާއެކު އަޒުމު ވަރުގަދަކޮށް ހިންގުންތެރިކަމާ އެކު މަަސައްކަތް ކުރާނެ ސިޓީ ކައުންސިލެއް އެފަދަ ލީޑާޝިޕަށް ގެންނަން އެބަ ޖެހޭ، އެ ކަން ވާނީ ޕީޕީއެމްއަށް،" މުއިއްޒު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ މާލެއާ ގުޅޭ ގޮތުން އެމަނިކުފާނު ދެކިލައްވާ ތަސައްވަރުވެސް ހާމަ ކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ އެކަމަކީ މިދިޔަ ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި ދާއިރާއެއް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެ ދާއިރާއަށް ދައްކަމުން ގެންދަނީ ވަރަށްބޮޑު ކަންބޮޑުވުންތަކެއް ހުރި މަންޒަރުތަކެއް ކަމަށް ވިދާޅުވިއެވެ.

މާލޭގައި ކުނި އެކަނި ކަހާލުމަކީ މާލެ ސާފުތަނަކަށް ވާނެ ކަމެއް ނޫން ކަމަށާއި މާލޭގެ ފެހިކަން އިތުރުކޮށް ހިތްފަސޭގަ ޕާކުތައް ހަދަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މާލެއަކީ ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހަދަން ޖެހޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *