ސަމާލުވޭ: މާލޭގައި މިދުވަސްވަރު ރޯގާއާ ފާނަބަސަނދު ފެތުރެނީ!

-އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: އަވަސް

މާލޭގައި މިދުވަސްވަރު ރޯގާއާ ފާނަބަސަނދު ފެތުރެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ ފާނަބަސަނދު ޖެހިގެން އުޅޭ ގެއެއްގައި މީގެކުރިން ފާނަބަސަނދު ޖެހިފައި ނުވާ މީހުންނާއި ފާނަބަސަނދުގެ ވެކްސިން ދެ ޑޯޒް ޖެހިފައި ނުވާ މީހުން އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރީއާއިން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ރޯގާޖެހި ހުން އައިސް ކިނބިހި އަޅާ ނުވަތަ ކެއްސާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އެފަދަ ފަރާތްތަކުން ސަމާލުވުމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ބަލިން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު މޫނު ނިވާ ކުރުމާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި އަތް ދޮވެގެން މެނުވީ ލޮލާއި ނޭފަތުގައި އަތް ނުލުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. ރޯގާޖެހި ކިނބިހި އަޅާ ކެއްސާ ނަމަ ސިއްހީ މާހިރެއްގެ އިރުޝާދާއި އެކުގައި މާސްކު އެޅުމަށްވެސް އައިޖީއެމެޗުން ވަނީ އެދިފައެވެ.

މާލޭގައި ރޯގާއާ ފާނަބަސަނދު ފެތުރެމުން އަންނައިރު ރާއްޖެއިން އެއްކޮށް ނައްތާލާފައި ވަނިކޮށް ހިމަބިހިވެސް ވަނީ ފެނިފައެވެ. ހިމަބިއްސަށް ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށައިގެން ކުރިޔަށްދާއިރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު އަންނަނީ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރެމުންނެވެ. އެކަމަށްވެސް ރާއްޖެއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.