ވޯޓު ދޭންވީ ސިޔާސީ ފިކުރަކަށް ނޫން، ވޯޓު ދޭންވީ އިސްލާމްދީނާއި ގައުމަށް: އަދުރޭ

އަބްދުއްރަހީމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ޕީޕީއެމް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުން ވޯޓު ދޭންވީ ސިޔާސީ ފިކުރަކަށް ނޫން ކަމަށާއި ދިވެހި ރައްޔިތުން ވޯޓު ދޭންވީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "މިއީ މަގޭ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީތައް ދިވެހިންނަށް އަންނަންޖެހޭނީ އިސްލާމްދީނާއި ދިވެހި ގައުމާއި ސިޔާދަތަށް ފަހުގައި ކަމަށެވެ. ޕީޕީއެމްއިން ކައުންސިލް އިންތިހާބަށް ނިކުމެ ތިބީ އެ ތިން ކަންތައްވެސް ދިފާއު ކުރުމަށްޓަކައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޕާޓީން ކައުންސިލް އިންތިހާބަށް ނިކުމެ ތިބީ ކުރިޔަށް އޮޮތް ޖީލަށް ދިވެހި ގައުމު ގެންގޮސް ދިނުމަށްޓަކައި ކަމަށެވެ.

"މިރޭގެ މިވަގުތުން ފެށިގެން ޕީޕީއެމްގެ މެންބަރުންނަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ. ވަޒީފާގެ ބިރުވެސް ދައްކާނެ. އެކަމަކު އެ ބިރަށް ފަހަތަށް ނުޖެހޭތި. އެ ހުރިހާ ކަމަކަށްވުރެ އިސްލާމްދީން އިސްވާންޖެހޭނެ،" އަދުރޭ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް މެސެޖެއް ދެއްވާފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ ރަށްރަށަށް ކުރާ ދަތުރުތަކުގައި ރައީސް ޔާމީންގެ ހާލުކޮޅު ކިހިނެއްހޭ ނާހާ އެއްވެސް މީހަކާއި ދިމާނުވާ ކަމަށެވެ. އެއީ ހަރު އުމުރުގެ މީހަކަށްވިއަސް ޒުވާނަކަށް ވިއަސް ރައީސް ޔާމީންގެ ހާލުކޮޅު ނާހާ އެއްވެސް މީހަކު ނުދާ ކަމަށް އޭނާ ވިދާޅުވިއވެެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ރައީސް ޔާމީނޭ، މަނިކުފާނަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ރައްޔިތުންގެ ލޯބި ހޯއްދެވި ވެރިއޭ، އެކަން ދިވެހި ތާރިހުގައި ލިޔެވިގެން ދާނެ،" އަދުރޭ ވިދާޅުވިއެވެ،

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލަރުންނަކީ ހަމައެކަނި ޕާޓީގެ ކައުންސިލަރުންނެއް ނޫން ކަމަށެވެ. އެ ކައުންސިލަރުންނަކީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމްދީން ދިފާއު ކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބި ކައުންސިލަރުންތަކެއް ކަމަށެވެ.

1 thought on “ވޯޓު ދޭންވީ ސިޔާސީ ފިކުރަކަށް ނޫން، ވޯޓު ދޭންވީ އިސްލާމްދީނާއި ގައުމަށް: އަދުރޭ

  1. އިސްލާމް ދީނުގަވައްކަން ކުރާމީހުން ދޫކޮއްލަން ބޮނޑެތިޖަލްސާބާއްވާ ގޮމެއްނޯވޭ ވައްކަން ކުރިމީހާ އަތްކަޑަން ގޮވިނަމަރަގަލުވީސް

Leave a Reply

Your email address will not be published. Required fields are marked *