ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަ މަހު އެކަނިވެސް ޖެންޑާ މިނިސްޓްރީއަށް 121 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަތަކުގެ ތެރެއިން 48 މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު އެކަނިވެސް ޖެންޑާ މިނިސްޓްރީއަށް 234 މައްސަލައެއް ހުށަހެޅުނެވެ.
އެ މައްސަތަކުގެ ތެރޭގައި ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 48 މައްސަލައަކާއި، ކުދިންނަށް އިހުމާލުވުމުގެ 43 މައްސަލައަކާއި، ޖިސްމާނީ ގޯނާގެ 15 މައްސަލައަކާއި، ނަފްސާނީ ގޯނާގެ ނުވަ މައްސަލައަކާއި، ފުރައްސާރަ ކުރުމުގެ ހަތަރު މައްސަލައެއް އަދި ގެވެށި އަނިޔާ ކުރާ ތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލައެއް ހިމެނެއެވެ.
މީގެއިތުރުން ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 16 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ 11 މައްސަލައަކާއި، ވެކްސިން ނުދިނުމުގެ ތިން މައްސަލައަކާއި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ ދެ މައްސަލައެއް ހިމެނެއެވެ.
ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ މަހު އެކަނިވެސް ޖެންޑާއަށް ހުށަހެޅުނުއިރު މިދިޔަ މަހުން ފެށިގެން އާދަޔާ ހިލާފަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މިކަން ފެންމަތިވެގެން އަންނަން ފެށީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެންނެވެ. އެ ދެމީހުން ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތްތައް ވެސް ފަށާފައެވެ. ކުއްޖާގެ މަންމައާ ބައްޕައަށް އިއްޔެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ދައުވާ އުފުލާފައެވެ.