ރ. ފުއްގިރި ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ޔާމީން 1.1 މިލިއަން ޑޮލަރު ނެގި ކަމުގެ ތުހުމަތު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ރ. ފުއްގިރި މައްސަލާގައި ސުވާލުކޮށްފިއެވެ. އެގޮތުން ފުލުހުން ވަނީ އެ ރަށް ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތު ކޮށްފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގުކުރެވި ޝަރީއަތް ހިންގިފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ. އެމަނިކުފާނު ތަހުގީގަށް ހާޒިރުކުރެވުނީ އެތައް ކަންތައްތަކަކާއި ގުޅޭ ގޮތުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 (ހަތްދިގެ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް އެމަނިކުފާނާއި މިއަދު ސުވާލު ކުރެވިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި މިއަދު ރައީސް ޔާމީން ހާޒިރުކޮށްގެން އިތުރަށް ސުވާލު ކުރެވުނު ކަންކަން ހާމަކުރަމުން ބުނީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 ރ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާ
ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް ރައީސް ޔާމީނާއި މިއަދު ސުވާލު ކުރެވިގެން ދިޔަ ކަމަށެވެ.

ފުލުހުން ވަނީ ވަކީލުންވެސް މައްސަލަތަކުގައި ރައްޔިތުންނަށް ނުބައި ތަސައްވަރެއް ދޭހަވާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ފުލުހުން މިއަދު ރައީސް ޔާމީން ހާޒިރު ކުރެއްވީ އާ މައްސަލައެއް ތަހުގީގު ކުރައްވާތީ ނޫން ކަމަށެވެ. މިއަދުގެ ތަހުގީގު ކުރިޔަށް ގެންދިޔައީ މިހާރުވެސް ދައުވާކޮށް ޝަރީއަތުގެ، އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށްދާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް އެބަ އޮތް ކަމަށާއި އެފަރާތްތަކުގެ މައްސަލަތައް ނުބަލާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *