އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން އަންގައިފި

ދިވެހި ހައްޖުވެރިންތަކެއް --

ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ހައްޖު އަދި އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސައުދީ އަރަބިއްޔާއިން އުމްރާ ވިސާ ދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީ ގޮތުން ސައުދިީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިއުލާންކޮށްފައިވާތީ އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އުމްރާގެ އަޅުކަމަށް ނުވަތަ ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުލް ނަބަވީއަށް ޒިޔާރަތްކުރުމަށް އެގައުމަށް ވަންނަ ވަކިވަކި ފަރުދުންނަށް މިއަދުން ފެށިގެން އެގައުމަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ގަލްގު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުގެ ރައްޔިތުންނަށް އެމީހެއްގެ އައިޑީ ކާޑު ބޭނުންކޮށްގެން ސައުދީ އަރަބިއްޔާއިން އެތެރެވުން އަދި ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

ސައުދީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމުތަކުން ސައުދީ އަރަބިއްޔާއަށް އަންނަ މީހުންނަށް ޓޫރިސްޓް ވިސާ ދޫކުރުން ވެސް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުން އުމްރާގެ އަޅުކަމަށް ސައުދީ އަށް އެތެރެވާއިރު، ގިނަ މީހުން އެގައުމަށް އެތެރެވަނީ ޖިއްދާ އަދި މަދީނާގެ އެއާޕޯޓްތަކުންނެވެ.

ޗައިނާއިން ފެނި އެންޓާކްޓިކާ ފިޔަވައި ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) މިހާރު ދަނީ މެދުއިރުމަތީގައި ވެސް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން އީރާނުން އެކަނިވެސް އެ ބަލި ޖެހިގެން 19 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އިތުރު ގައުމުތަކުން އެ ބަލި ފެންނަމުންދާތީ، ގިނަ ގައުމުތަކުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޗައިނާއިން ފެތުރެން ފެށި ކޮވިޑް-19، 81،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެބަލީގައި 2700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅު ވެފައިވަނީ 30،400 އަށްވުރެ ގިނަ މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *