ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ އާ މައްސަލައެއް އޮވެގެން ނޫން: ޑރ. ޖަމީލް

ކުރީގެ ރައީސް ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރެއްވީ އެއްވެސް އާ މައްސަލައެއް އޮވެގެން ނޫން ކަމަށާއި މިއަދު ހާޒިރު ކުރީ މިހާރުވެސް އެމަނިކުފާނަށް ދައުވާކޮށް ހުކުމް އިއްވާފައިވާ މައްސަލައާ ގުޅިގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވީ މެންދުރު ފަހު 14:30 އެހާކަށްހާއިރެވެ. އެމަނިކުފާނު އެހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވާ ތިން ގަޑިއިރެއްހާއިރު ފުލުހުންގެ އިދާރާގައި ބެހެއްޓެވިއެވެ. ތަހުގީގު ނިމުމުން އެމަނިކުފާނު ވަނީ އެނބުރި މާފުށި ޖަލަށް ގެންގޮސްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ފުލުހުން މިއަދު ރައީސް ޔާމީން ހާޒިރު ކުރެއްވީ އާ މައްސަލައެއް ތަހުގީގު ކުރައްވާތީ ނޫން ކަމަށެވެ. މިއަދުގެ ތަހުގީގު ކުރިޔަށް ގެންދިޔައީ މިހާރުވެސް ދައުވާކޮށް ޝަރީއަތުގެ، އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށްދާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް އެބަ އޮތް ކަމަށާއި އެފަރާތްތަކުގެ މައްސަލަތައް ނުބަލާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.