ިއާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން ދައުވާކޮށްފި

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު: ފޮޓޯ / މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އާތިފް ޝަކޫރުގެ މައްޗަށް ދައުވާކޮށްފިއެވެ.

އާތިފްގެ މައްޗަށް ދައުލަތުން ދައުވާކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާއެކެވެ. އާތިފްގެ މައްޗަށް ދައުވާ ކުރީ މަނީ ލޯންޑަރިންނަށް ޝައްކު ކުރެވޭ މުއާމަލާތެއް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނުގެނައުމުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވި ނަމަވެސް އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ އެންގުމަށް ކަމަށް އޭސީސީގެ ތަހުގީގުން މީގެކުރިން ވަނީ ހާމަވެފައެވެ.

މީގެކުރިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ބއިންޓަރިމް ރިސްކް އޮފިސާ ޔާމީން އާދަމް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާތައް އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ކުންފުނީގެ އެކައުންޓު ހޯލްޑުކޮށް އެފްއައިޔޫއަށް އެންގި ކަމަށެވެ. އެގޮތަށް އެކަން ކުރީ މަނީ ލޯންޑަރިން އަށް ޝައްކު ކުރެވޭ މުއާމަލާތެއް ހިނގުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫވެސް ފަހުން ޗުއްޓީއިން އެނބުރިވަޑައިގަތް ނީޒާގެ ލަފާ ތަކުރާރު ކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ބައެއް މީޑިއާތަކުގައި އާތިފް ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.