އިންތިހާބުގައި ބާތިލް ވޯޓު ގިނަ ވެދާނެތީ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަ ވެދާނެތީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ވަނީ އިއްވާފައެވެ.

އެ އިސްލާހު މަޖިލީހަށް ރޮޒެއިނާ ހުށަހެޅުއްވީ ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސްއާ ރަށުކައުންސިލްގެ ރައީސްއާ ކައުންސިލަރުން އަދި އަންހެނުންނަށް ހާއްސަ ގޮނޑީގެ ކައުންސިލަރުންނަށް ވޯޓުލާއިރު، ރަށު ކައުންސިލް ރައީސަށް ލާ ވޯޓު ބާތިލުވާ ހިސާބުން މުޅި ވޯޓު ކަރުދާސް ބާތިލު ވާގޮތަށް އޮތުމުން އޭގަ ދެން އޮތް ކައުންސިލަރުންގެ ވޯޓާއި އަންހެން ކައުންސިލަރުންގެ ވޯޓުވެސް ބާތިލުވެގެންދާނެތީއެވެ.

ރޮޒެއިނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި ކަމަށް ބުނެފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއެކު ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހާފި ނަމަ، ބާތިލް ވާނީ އެ ވޯޓުގެ އެ މަގާމެއްގެ ވޯޓެވެ. މުޅި ކަރުދާސް ބާތިލުވެގެން ނުދާނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު މިހާރު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *