ކުޑަހުވަދޫ އަދި ދިއްދޫގެ އާ ހޮސްޕިޓަލުގެ ޕްލޭން އިފްތިތާހު ކޮށްފި

ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

މިހާރު ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އަދި ދ. ކުޑަހުވަދޫގައި އާ ހޮސްޕިޓަލެއް އަޅަން ނިންމަ އެ ދެ ހޮސްޕިޓަލުގެ ޕްލޭން އިފްތިތާހް ކޮށްފިއެވެ.

މާގިރި ހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މިހާރުވެސް ހޮސްޕިޓަލެއް ހުންނަ މި ދެ ރަށުގައި އާ ހޮސްޕިޓަލު އެޅުމާއި އެކުގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކެއް އާ ހޮސްޕިޓަލަށް ބަދަލު ކުރެވޭނެއެވެ.

ދިއްދޫ އަދި ކުޑަހުވަދޫ ހޮސްޕިޓަލު ފަރުމާ ކޮށްފައިވަނީ ޒަމާނާ އެއްގޮތަށެވެ. އެގޮތުން އެއިން ކޮންމެ ހޮސްޕިޓަލެއްގައި 55 އެނދު ހުންނާނެއެވެ. ހޮސްޕިޓަލުތައް ނިމޭއިރު ކޮންމެ ހޮސްޕިޓަލެއްގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީއަކާއި އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް މި ދެ ހޮސްޕިޓަލުގައި ހިމެނިގެންދާނެ ކަމަށެވެ.

ސަރުކާރުން ސިއްހީ ދާއިރާއަށް ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން އަލަށް އެކުލަވާލެވުނު ހޮސްޕިޓަލުތަކުގެ ޕްލޭން ހުންނާނީ ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތުތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވެގެންދާނެ ގޮތަކަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިއަދު އިފްތިތާހްކުރި ޕްލޭންގެ ދަށުން، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ ބާ އިމާރާތް ތަޅާލައި އެތަނުގައި ވެސް ދިއްދޫ އަދި ކުޑަހުވަދޫގައި ގާއިމްކުރާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.