ޝައުގުވެރިވާ ދާއިރާތަކުން ކުރިއެރުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދޭންޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ- ރައީސް އޮފީސް

ކޮންމެ ކުއްޖަކަށްވެސް، ވަޒީފާގެ މައިދާނުގައި އެ ކުއްޖަކު ޝަޢުޤުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި، އުނގޫފާރު ސްކޫލްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނައުބު ރައީސް ވިދާޅުވީ، ކުއްޖަކު ނިސްބަތްވާ އާއިލާއެއް އަދި މުޅި ގައުމުވެސް ކުރިއަރާނީ ކޮންމެ ކުއްޖަކީވެސް ގައުމަށް ބޭނުންތެރި އަދި އުފެއްދުންތެރި ފަރުދަކަށް ހެދުމުން ކަމަށެވެ. އަދި، ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިސާލު ނަންގަވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ގައުމުތައްވެސް ކުރިއަރައިދިއުމުގެ ސިއްރަކީ ހުނަރުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ދީފައިވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ކަމަށެވެ.

މީގެ އިތުރުން، ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް އިންސާނީ ވަސީލަތް ތަރައްގީ ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ތަޢުލީމީ ދާއިރާއަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، އަދި އެހާ ބޮޑު ޚަރަދެއް ކުރައްވަނީ ހުނަރުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އުނގޫފާރަށް ކުރައްވަމުން ގެންދަވާ އެއް ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގަންނަވައެވެ. "ހޭވައްލާ" ޕްރޮގްރާމަކީ ސާނަވީ ތައުލީމު ނިންމައި މަތީ ސާނަވީ ތަޢުލީމު ފެށުމާއި ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރޭގައި އިންޓަރންޝިޕް ފުރުޞަތުތަކާއި، އެހެނިހެން މަސައްކަތްތައް ދަސްކޮށްދިނުންވެސް ހިމެނެއެވެ. މިގޮތުން މިއަދު އުނގޫފާރުގައި ފަށާފައިވަނީ ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ވަޑާމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި އުނގޫފާރު ސްކޫލްގެ ވަޑާން ކްލާހުން ތައްޔާރުކޮށްފައިވާ ވަޑާން ފޮށްޓެއް ސްކޫލުގެ ޕްރިންސިޕަލް ވަނީ ނައިބު ރައީސްއަށް ހަދިޔާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *