ވޫހާންގައި ތިބި އެންމެ ފަހު ދެ ދިވެހިންވެސް އިންޑިއާއަށް ގެންގޮސްފި

ޗައިނާއިން ކޮރޯނާ ވައިރަސް ފެނުން/ ފޮޓޯ- މާކެޓް ވޮޗް

ޗައިނާގެ ވޫހާން ސިޓީގައި ތިބި އެންމެ ފަހު ދެ ދިވެހިން އިންޑިއާއަށް ގެންގޮސް ކަރަންޓީން ކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، ވޫހާންގައި ބާކީ ތިބި ދެ ދިވެހިން ވެސް، އެ ސިޓީއަށް ދިޔަ އިންޑިއާގެ އެއާފޯސް (އައިއޭއެފް)ގެ ފްލައިޓެއްގައި މިހާރު އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން އަނބުރާ ރާއްޖެ އަންނާނީ، ކަރަންޓީނުގެ މުއްދަތު ނިމުމުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ކަރަންޓީންގެ މުއްދަތަކީ 14 ދުވަހެވެ.

ވޫހާނުގައި ޖުމްލަ ނުވަ ދިވެއްސަކު ތިބި ނަމަވެސް އެމީހުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވީ ހަތް ދިވެެއްސެކެވެ. އެހެންވެ ވޫހާންގައި ތިބި އިންޑިއާގެ ރައްޔިތުންނާއެކު އެ ހަތް ދިވެހިން ވެސް އެ ސިޓީން ނެރެގެން ވަނީ އިންޑިއާގައި 14 ދުވަސްވަންދެން ކަރަންޓީނުކޮށްފައެވެ.

މީގެކުރިން އިންޑިއާގައި ކަރަންޓީނުކުރި ހަތް ދިވެހިން ވެސް ވަނީ އެ ބައްޔަށް ނެގެޓިވް ވެފައެވެ. އެ މީހުން އެނބުރި ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މީގެ ކުރިން ޗައިނާއިން އައި ދެ މީހަކުވަނީ ކަރަންޓީންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ހެލްތް މިނިސްޓްރީން ބުނީ، ޗައިނާއިން ރާއްޖެއައި ދެމީހުން ކަރަންޓީންކުރި ނަމަވެސް، އެދެމީހުންގެ ގައިގަވެސް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން މިހާރު އަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ކަަރަންޓީން ކުރީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެވެ. އަދި އެ ޕްރޮޓޮކޯލްގެ ދަށުން ޗައިނާއިން ރާއްޖެ އަންނަ މީހުން 14 ދުވަސްވަންދެން ކަރަންޓީނު ކުރެއެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,801 މީހަކު ވަނީ މަރުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *