އަނެއްކާވެސް އަލީ ވަހީދާއި ނަހުލާގެ ލީކެއް: މިފަހަރު ދައްކަނީ ނަހުލާގެ ވީޑިއޯއެއްގެ ވާހަކަ!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: ފޮޓޯ / އަވަސް އަދި މިހާރު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އިތުރު އޯޑިއޯއެއް މިރޭ ލީކް ކޮށްލައިފިއެވެ.

"ލީކްސް އެމްވީ"ގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން އަލީ ވަހީދުގެ އޯޑިއޯތައް ލީކް ކުރަން ފެށީ މި މަހުގެ ތެރޭގައެވެ. އޭގެފަހުން މިއީ މިގޮތަށް ލީކްވާ 8ވަނަ އޯޑިއޯ ކްލިޕެވެ. މީގެކުރިންވެސް ވަނީ ނަހުލާއާ އަލީ ވަހީދުގެ އޯޑިއޯއެއް ލީކްވެފައެވެ. އެ އޯޑިއޯގައި ނަހުލާ އަލީ ވަހީދަށް ކޯފާ އިސް ކުރައްވާ ވާހަކަދައްކަވާފައެވެ. ނަމަވެސް މިރޭ ލީކްވި އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދާއި  މިނިސްޓަރު ނަހުލާ ދައްކަވަނީ ވީޑިއޯއެއްގެ ވާހަކައެވެ. އަދި އެ ވީޑިއޯއަކީ މިނިސްޓަރު ނަހުލާގެ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯ އަލީ ވަހީދު އަތުގައި އޮތް ފަދަ މޭރުމަކުން ދެބޭފުޅުންވެސް ވާހަކަދައްކަވައެވެ.

މި އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދާއި މިނިސްޓަރު ނަހުލާ ޒުވާބު ކުރާ އަޑު އިވެއެވެ. އަދި އަލީ ވަހީދު ވަނީ އެމަނިކުފާނުގެ ބޮލުގައި އިލްޒާމުތަކެއް ނަހުލާ އެޅުއްވުމުން ހިތްހަމަނުޖެހިގެން ވާހަކަދައްކަވާފައެވެ. އަލީ ވަހީދުގެ އެ ވާހަކަތަކަށް ޖަވާބު ދެއްވާ މިނިސްޓަރު ނަހުލާ ވިދާޅުވީ އެކަމަނާ އަލީ ވަހީދަށް ގުޅުއްވީ އެކަމަނާއާ އަލީ ވަހީދުގެ ފޯނު ކޯލް ސްޕީކަރަށް ލައިގެން ވާހަކަދައްކާ އެކަމަނާއަށް ފުރައްސާރަ ކުރާ އޯޑިއޯއާ ގުޅިގެން ކަމަށެވެ. އެކަމަށް ޖަވާބު ދެއްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނަކީ މީހުންގެ ކޯލްތައް ރެކޯޑު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

"އަލީ ވަހީދޭ އަޅުގަނޑަށް ގުޅާފައި ކޯލް ލައުޑް ސްޕީކަރަށް ލައިގެން ވާހަކަ ދެއްކީ. އަދި އެ ކޯލް ރިކޯޑްކޮށް އަޅުގަނޑާއި ދިމާލަށް ހަޑި ހުތުރު ބަހުންވެސް ވާހަކަ ދެއްކީ،" ކޯފާ އިސް ކުރައްވާ މިނިސްޓަރު ނަހުލާ ވިދާޅުވެއެވެ.

ނަހުލާ އެފަދައިން ކޯފާ އިސް ކުރައްވާ ވާހަކަދެއްކެވުމުން އަލީ ވަހީދުވެސް ވަނީ ކޯފާ އިސް ކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ މިނިސްޓަރު ނަހުލާގެ ގާތް ރަހުމަތްތެރިއެއް ނޫން ކަމަށާއި އެފަދައިން ގުޅައިގެން ވާހަކަ ނުދަައްކާކަން ހުދު މިނިސްޓަރު ނަހުލާއަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަލީ ވަހީދު އެފަދައިން ވިދާޅުވުމުން ނަހުލާގެ އަޑު ކުޑަކޮށް މަޑުވިއެވެ. އަދި ރާގުވެސް ބަދަލުވިއެވެ.

މިނިސްޓަރު އަލީ ވަހީދު އެފަދައިން ވިދާޅުވުމުން ނަހުލާ ވިދާޅުވަނީ ފޯނު ބާއްވަނީ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފޯނު ކޯލުވެސް ރެކޯޑު ނުކުރައްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ނަހުލާ ވިދާޅުވިއެވެ. މިނިސްޓަރު އެހެން ވިދާޅުވުމުން އަލީ ވަހީދު ކޯފާ އިސްކުރައްވާ ހަޅޭއްލެވިއެވެ. އަދި ވިދާޅުވީ އޭނާއަކީ މީހުންގެ ފޯނު ކޯލު ރެކޯޑު ކުރާ މީހެއް ނޫން ކަމަށެވެ.

މިރޭ ލީކްކޮށްލި އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު ވަނީ އަދިވެސް މިނިސްޓަރު ނަހުލާއާ ހަޑިހުތުރު ބަހުން ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވެފައެވެ. އެވަރު އެކަމަނާއަށް އެނގިނުލައްވަނީތޯ ސުވާލު ކުރެއްވިއެވެ. އެހެން ވިދާޅުވުމުން އަނެއްކާވެސް ނަހުލާގެ އަޑު މަޑުވިއެވެ. އަދި ވިދާޅުވި އެކަމަނާގެ ރަހުމަތްތެރިއެއްގެ ފަރާތުން އަލީ ވަހީދު އުޅުއްވަނީ އެކަމަނާގެ ވީޑިއޯއެއް ލީކް ކޮށްލަން ކަމަށް އަޑު އެހި ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެއެވެ. ވީޑިއޯގެ ވާހަކައާ ގުޅިގެން އަލީ ވަހީދު ވިދާޅުވަނީ އޭނާއަކީ އެފަދަ އަމަލެއް ކުރާނެ ބޭފުޅެއް ނޫން ކަމަށެވެ.

މި ވާހަކަތަކުގެ ތެރެއިން މިނިސްޓަރު ނަހުލާ ވަނީ އަލީ ވަހީދާއި އެކަމަނާގެ މި މައްސަލައާ ގުޅިގެން އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހީމް ގުޅުއްވި ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހީމް އަޑު އައްސަވާނީ އެކަމަނާގެ ވާހަކަތައް ކަމަށާއި މީހުންގެ ވާހަކަތައް ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަލީ ވަހީދާއި ދައްކަވަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަ ހުންނެވި ކަމަށާއި ނަމަވެސް އެ ކޯލުވެސް ރެކޯޑު ނުކުރާނެ ކަމެއް އެނގިނުލައްވާ ކަމަށް ވިދާޅުވެ ނަހުލާ ވަނީ ފޯނު ކަނޑާލަފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.