އީރާނުގައި ދިރިއުޅޭ މީހުންނާއި އެގައުމަށް ދަތުރުކުރާ މީހުން ރަޖިސްޓްރީވުމަށް އަންގައިފި

އީރާނުގެ މަގެއްގެ މަތީގައި އަންހެނުންތަކެއް މާސްކު އަޅައިގެން --

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އެއް ގައުމު ކަމަށްވާ އީރާނުގައި ދިރިއުޅޭ ދިވެހިންނާއި އީރާނަށް ދަތުރުކުރާ މީހުން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިރާންގައި ނޮވެލް ކޮރޯނާ ވައިރަސް (ކޯވިޑް-19) ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން އިރާނަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. މި ވަގުތު އިރާންގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރާ ކަމަށާއި އިރާނުގެ ކަމާބެހޭ އިދާރާތަކުން އެ ބައްޔާއި ގުޅޭގޮތުން ދެމުން ގެންދާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީން ވަނީ ސައުތު ކޮރެއާގެ ބައެއް ސަރަޙައްދުތަކުގައި ކޯވިޑް-19 ނުހަނު ބާރަށް ފެތުރެމުންދާތީ، އެގައުމުން މިވަގުތު ރެޑް އެލަރޓް ނެރެފައިވުމާއެކު، އެ އެލާޓް ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ސައުތު ކޮރެއާއަށް ވެސް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ވަގުތު ސައުތު ކޮރެއާގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މި ދެގައުމުން މީހުން ރާއްޖެ އެތެރެކުރުން މަނާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.