ރާއްޖެއަށް ސައުތް ކޮރެއާ އާއި އީރާނުން މީހުން އައުން މަނާކޮށްފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއަށް ސައުތް ކޮރެއާއާއި އަދި އީރާނުން މީހުން އައުން މަނާކޮށްފިއެވެ.

ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19އާ ގުޅޭ ޓާސްކް ފޯސްގެ ފަރާތުން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ, ޗައިނާއަށް މީހުން އާއްމު ގޮތެއްގައި ނުދާ ގައުމުތަކުންވެސް ކޮރޯނާ ވައިރަސް ފެނި އެ ވައިރަސް ހަލުވި ކަމާއި އެކުގައި ފެތުރެން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެގައުމުތަކުން މީހުން ރާއްޖެ އެތެރެވުން މެދުކަނޑާލީ ދިވެހި ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

"އީރާނުން ނުވަތަ އީރާންގެ މަގުން ރާއްޖެ އައުމުން މިވަގުތަށް އަޅުގަނޑުމެން މި މެދުކަނޑާލީ. ހަމަ އެއާއެކު ސައުތުކޮރެޔާ، މިއީ ކޮރޯނާ ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުންދާ އެއް ގައުމު. އެހެން ކަމުން ސައުތު ކޮރެއާއިން މީހުން އާދެވޭނެ ގޮތްތަކާމެދުވެސް މިހާރު އަޅުގަނޑުމެން މިވަނީ ގޮތްތަކެއް ނިންމާފައި. އެގޮތުން ސައުތުކޮރެޔާގެ ދެ ސަރަހައްދަކުން މީހުން އައުން މި މެދުކަނޑާލަނީ. އެއީ ސައުތުކޮރެޔާގެ ދެ ސަރަހައްދެއް ކަމަށްވާ ޑޭބޫ އަދި ޖޭޔޮންގގޮކް، މި ދެ ސަރަހައްދުން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސައުތު ކޮރެއާއިން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ، އެގައުމަކީ އޭޝިއާގައި ޗައިނާ ފިޔަވާ އެންމެ ބާރަށް ވައިރަސް ފެތުރެމުންދާ ގައުމަށްވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެގައުމުގެ ގިޔޮންގްބޮކް އަދި ޑޭގޫ ސަރަހައްދުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރީ އެ ދެ ސަރަހައްދަކީ ސައުތު ކޮރެއާގައި އެ ވައިރަސް ފެތުރެމުންދާ މައިގަނޑު ދެ ސަރަހައްދުކަމަށް ފާހަގަކުރެވިފައިވަތީ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮރޯނާވައިރަސް ފެތުރެމުންދާ ހާލަތަށް މިހާރު އައިސްފައިވާ ބަދަލުން، ބޮޑު ރޯގާއަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކޮށް އެކަމަށް ތައްޔާރުވުމަށް ހުރިހާ ގައުމަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެމުންދާ ކަމަށެވެ.

މީގެއިތުރުން ސަރުކާރުންވަނީ ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނަ ކްރޫޒްލައިނާތައް ގެނައުންވެސް މެދުކަނޑާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.