ތަސްވީރު ބަލާނީ ތަސްވީރު ބުނާހެން!

ރައީސް ސޯލިހު (ކ) އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --

އޭރު ގިނަބަޔަކު އެބޭފުޅަކަށް ވަރަށް އިތުބާރު ކުރިއެވެ. ޅަ އުމުރުގައި ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން ޕާޓީ ބަދަލު ކުރެއްވި ނަމަވެސް އޭނާ ވަޑައިގަތީ ރާއްޖޭގައި އެވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށެވެ. އެހެންކަމުން އޭނާއަށް ކުރިން ލިބުނު ތާއީދުވެސް އިތުރުވެގެން ދިޔަ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ބަސް މޮށުން ތެރި ކަމަށް މޮޅު މި ބޭފުޅާއަކީ މަޖިލީހުގައި އެވަގުތު ހުންނެވި އެންމެ “އަޑުގަދަ” ބޭފުޅާއެވެ. ކޮންމެއަކަސް ސިޔާސީ މައިދާނުގައި ސިޔާސީ ޕާޓީއެއްގެ ތެރެއިން ދެވެން އޮތް އިސް މަގާމުތަކަށްވެސް އެމަނިކުފާނު ދަތުރު ކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޭރު ކަންކަން ހިނގައިގެން ދިޔަ ގޮތުން ޕާޓީގެ ލީޑާޝިޕުގެ ހުންގާނުގައި ހިފައިގެން ކުރިޔަށް ދިއިޔައިރު ޕާޓީގެ ގިނަބައެއްގެ ލޯބި އޭނާއަށް ލިބުނެވެ. ނަމަވެސް އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޖަލުގެ ތޭރިތަކުގެ ތެރެއަށްވެސް އެމަނިކުފާނު ދިޔައެވެ. ހިތްވަރަކަށް އަޒުމަކަށް ގުޑުމެއް ނައެވެ. ހުންނެވީ ހުންނެވި ގޮތުގައެވެ. ނަމަވެސް ފަހުން މުޅި ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކުރެއްވީއެވެ. ހިތާއި ދެކޮޅަށެވެ. ނަމަވެސް އެކަން ކުރެއްވީ ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް އޭރުވެސް ދިޔައީ ވިދާޅުވަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އެފުށް މިފުށަށް ޖެހި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ހުވާ ކުރައްވާ އެކުލަވާލި ކެބިނެޓުގެ އެންމެ ޒުވާން ދެ ވަޒީރުންގެ ތެރޭގައި މި ބޭފުޅާ ހިމެނިވަޑައިގަތެވެ. އެއީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ގިނަބަޔަކު އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރެއްވުމުން ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރެއްވިއެވެ. ނަމަވެސް މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ކިޔަމުންދިޔަ ފާޑު ކިޔުންތަކަށް އެއްވެސް އަޑުއެހުމެއް ނެތި ކުރިޔަށް ވަޑައިގަތެވެ. އިސާހިތަކު ދާއިރާގެ ގިނަބައެއްގެ ލޯބި އެމަނިކުފާނަށް ލިބިވަޑައިގަތެވެ. މީގެއިތުރުންވެސް އެމަނިކުފާނަކީ ވަރަށް ހިންގުންތެރި ހީވާގީ ބޭފުޅެއް ކަމަށް ގިނަބަޔަކަށް ހީވެގެން ދިޔައެވެ. ނޫސްތަކުގެ ސުރުހީތަކުގައި އެމަނިކުފާނުގެ ގާބިލްކަމާއި ހީވާގިކަން ޖާގަ ހޯދުން ވެގެން ދިޔައީ އެމަނިކުފާނަށް މީހުން ކުރަމުން ދިޔަ ނަފްރަތު ލޯތްބަށް ބަދަލު ކޮށްލި ކަންކަމަށެވެ. ތިމާއަށް ވިދާޅުވެވުނު ބަސްތަކުން ރައްޔިތުންނަށް އޮޅުން އަރާ ގޮތްތަކެއް ދިމާވެއްޖެ ނަމަ އަވަހަށް މައާފަށް އެދިވަޑައިގަންނަވައެވެ. އެއީވެސް ރައްޔިތުން އެމަނިކުފާނު ބަލައިގެންނެވި ސަބަބެކެވެ.

ކަން މިހެން ހުރެމެ ދުނިޔޭގައި ހަލުވި ކަމާއި އެކުގައި ފެތުރެމުން މިހާރު އަންނަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޓާސްކް ފޯހެއް އެކުލަވާލެއްވިއެވެ. ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޕޯޓު ކުރައްވާ މި ޓާސްކް ފޯހުގެ އެންމެ އިސް ބޭފުޅަކީވެސް އަލީ ވަހީދެވެ. ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެއްވާއިރު ހެލްތު މިނިސްޓްރީން އޭރު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާ “ހަނު” ހުރުމުން އެކަމުގެ ރުޅިގަނޑު ނޫސްވެރިން ބާލަން ފެށުމުންވެސް ނޫސްވެރިންނާއި މީޑިއާތަކާއި ވެސް ރައީސް ސޯލިހު ގާތް ކޮށްދެއްވީ ހަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ނަމަވެސް ރައްޔިތުން ކުރަމުން ދިޔަ އިތުބާރު ނިމުމަކަށް އައީ އެމަނިކުފާނުގެ އޯޑިއޯތަކެއް ކަމެއް ބުނެ “ލީކްސް އެމްވީ” ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުން ލީކު ކުރަމުން ދިޔަ އޯޑިއޯތަކަކާއި ގުޅިގެންނެވެ. އެމަނިކުފާނުގެ ދުލުން ނިކުމެގެން ދިޔަ “ހުތުރު” ބަސްތައް ރައްޔިތުންގެ ކަންފަތަކަށް އަހާކަށް ފަސޭހައެއް ނުވިއެވެ. އޯޑިއޯއަކަށް ފަހު އޯޑިއޯއެއް ލީކުވެ ކޮރަޕްޝަނުގެ ހުތުރު އަމަލާއި މިނިސްޓަރުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި އެހެން މިނިސްޓަރުންގެ ނެތި ވާހަކަ ދައްކަމުން ދިޔަ އޯޑިއޯތައް ލީކުވުމުން ރައްޔިތުންގެ ލޭ ކެކި އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވިއެވެ. އަދި އޭނާ މަގާމުން މިހާރުން މިހާރަށް ވަކި ކުރުމަށްވެސް ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން އެއަށް އެއްވެސް ފިޔަވަޅެއް ނާޅާ ހުރެމެ ކުއްލިއަކަށް މިއަދު ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔަ ފޮޓޯތަކުން ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާއަށް އޮއްސާލިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ޖަމިއްޔާއެއް ކަމަށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ބޭއްވި ހަފްލާއެއް އިއްޔެ ކ. ތުލުސްދޫގައި ވަނީ ބާއްވާފައެވެ. މި ހަފްލާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ދައުލަތުގެ އެހެން ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދުވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ ހަފްލާގައި ވާހަކަވެސް ދެއްކެވިއެވެ. ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއިން ފެންނަނީ ރައީސް ސޯލިހާއި އަލީ ވަހީދާއި ދެބޭފުޅުން ވަރަށް ބޮޑަށް ދެބޭފުޅުންނާއި ވާހަކަދައްކަވާ މަންޒަރެވެ.

އެ ފޮޓޯ ޕޯސްޓުކޮށް ޓްވީޓާގައި ވާހަކަދައްކަމުން ގިނަ ބަޔަކު ބުނަމުން ދަނީ ސަރުކާރާއި ރައީސް ސޯލިހަށް ފާޑު ކިޔަމުންނެވެ. އަދި އަލީ ވަހީދުގެ އޯޑިއޯތަކަކީ ސަރުކާރަށް އެއްވެސް “މައްސަލަ”އަކަށް ނުވާކަން އެ ފޮޓޯއިން ދޭހަވާ ކަމަށްވެސް ބައެއް މީހުން ބުނެއެވެ. މީގެއިތުރުން ބައެއް މީހުން ވަނީ އަލީ ވަހީދު ބައިވެރިވާ ސަރުކާރުގެ އެއްވެސް ހަފްލާއެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެމްޑީޕީން އަންހެނުން އަށް ފުރައްސާރަ ކުރުމަށް ހިތްވަރު ދެނީތޯ ސުވާލު އުފައްދާފައެވެ. އަދި އެ ފޮޓޯއަކީ އަލީ ވަހީދާއި ގުޅިގެން ލީކުވެފައިވާ އޯޑިއޯތަކަށް ސަރުުކާރުން އެއްވެސް ވަރަކަށް އަޅާނުލާ ކަމުގެ ހެެއްކެއް ކަމަށެވެ. މީގެއިތުރުން ރައީސް މުހައްމަދު ނަޝީދު އަލީ ވަހީދު ބައިވެރިވާ ޖަލްސާއެއްގައި އިންނެވުމުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ހިތާމަ ކުރައްވާފައެވެ.

އަލީ ވަހީދުގެ އޯޑިއޯއާ ގުޅިގެން މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މައްސަލަ ތަހުގީގު ކުރައްވާތޯ ނުވަތަ ނޫންތޯވެސް ވިދާޅެއްނުވެއެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅިގެން އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ ނަން އޮތުމުން “ކޮރަޕްޝަނަށް ގެންގުޅޭ ޒީރޯ ޓޮލަރެންސް” ސިޔާސަތުގެ ދަށުން ވަޒީރަކާއި ސްޓޭޓް މިނިސްޓަރެއް ސަސްޕެންޑު ކުރެއްވިއެވެ. މީގެއިތުރުން ބައެއް ކުންފުނިތަކުގެ ވެރިންނަށްވެސް މިފަދައިން ފިޔަވަޅު އެޅިއިރު އަލީ ވަހީދުގެ މައްސަލާގައި ސަރުކާރަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމުން ސުވާލު އުފެދޭ ކަންކަން މީގައި ހިމެނޭކަން ސާފުވެގެން ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.