ނައިބު ރައީސް ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ރ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން/ ފޮޓޯ- ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އެ އަތޮޅު އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ނައިބު ރައީސްއާއި ކައުންސިލަރުންވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލަރުންވަނީ، ބައެއް ރަށްރަށުގައި އުޞޫލުތަކާއި ޚިލާފަށް އަވަސްކޮށްލައިގެން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ސަބަބުން އަތޮޅު ކައުންސިލަށް ކުރިމަތިވާ ދަތިތައް ނައިބު ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއިއެކު ކައުންސިލްތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި އަތޮޅު ފެރީގެ ނިޒާމު ހަރުދަނާކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި، ރަށްރަށުގެ ތަރައްޤީއަށް ހިންގާ އެކި މަޝްރޫޢުތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވައިދެއްވުމަށާއި، އަތޮޅުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.