ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ލުއި ގޮތްތަކެއް

ކްރިމިނަލް ކޯޓު/ ފޮޓޯ- ވީނިއުސް

ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތައް އަޑުއެހުމަށް ވަންނަ ނޫސްވެރިންނަށް އެ ކޯޓުން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދީފިއެވެ.

އެގޮތުން އެ ކޯޓުން ވަނީ މީގެކުރިން އަމަލު ކުރަމުން އައި ބައެއް ކަންކަން ބަދަލުކޮށް ނޫސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދީފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލިސް އަޑުއަހަން މީހުން ވެއްދުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގައި ބުނެފައިވަނީ އާންމު އުސޫލުން ޝަރީއަތްތައް އަޑުއަހަން އަންނަ ފަރާތްތައް އެ ޝަރީއަތެއް ފެށުމުގެ 15 މިނެޓްކުރިން ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބުނާ ފޯމު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައި އޮތް އޮތުން ވަނީ ބަދަލުކޮށްފައެވެ.

އެކަން ބަދަލުކޮށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮންމެ ޓީވީ ސްޓޭޝަނަކަށައި، ރޭޑިޔޯ ޗެނަލްތަކާއި، ނޫސް މަޖައްލާއަކަށް ތިން ރިޕޯޓަރުން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ލިބޭއިރު ރަޖިސްޓްރީ ވެފައިވާ ނޫސްވެރިން، ކޮންމެ ޝަރީއަތުގެ އަޑުއެހުމަކަށް ވަނުމަށްޓަކައި ވަކިން ފޯމު ހުށަހަޅާކަށް މިހާރަކު ނުޖެހޭނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިޔަކު ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވާ ގަޑީގެ 15 މިނެޓް ކުރިން ކޯޓަށް ހާޒިރުނުވި ނަމަވެސް، ޝަރީއަތް ފެށުމުގެ ކުރިން ކޯޓަށް ހާޒިރުވެ ކޯޓުން ދޫކޮށްފައިވާ "ނޫސް ރިޕޯޓާ ކާޑު" ދެއްކުމުން ޖާގަ އޮތް ވަރަކުން ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިގޮތަށް ފުރުސަތު ދޭއިރު އިސްކަންދޭނީ ނޫސްވެރިން ކޯޓަށް ހާޒިރުވާ ތަރުތީބުން ކަމަށްވެސް ކްރިމިނަލް ކޯޓުން ބުންޏެވެ. ޝަރީއަތުގެ މަޖިޅިހަށް ނޫސްވެރިނަށް އިހުތިޔާރު ލިބިފައިވާ ތަކެތީގެ ތެރޭގައި، ފަންސޫރު، ކަރުދާސް، އާދައިގެ ގަލަމެއް، އާދައިގެ ފޮތެއް ވަނީ ހިމަނާފައެވެ.

ކްރިމިނަލް ކޯޓުން ގެނެސްފައިވާ އެ ބަދަލާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވިދާޅުވީ، އެއީ ވަރަށް ރަނގަޅު، އަދި މުހިންމު ނިންމުމެއްކަން ފާހަގަކޮށްފައެވެ. ޝަރީއަތުގެ ހާމަކަން އިތުރު ކުރުމަކީ އިތުބާރު އިތުރު ކުރަން އެޅޭ އަސާސީ ފިޔަވަޅެއްކަން ފާހަގަކޮށް އެހެން ކޯޓުތަކުންވެސް އެ ނަމޫނާއާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.