އީރާނުގެ މިނިސްޓަރަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ

އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އިރާޖު ހަރިރުޗީ/ ފޮޓޯ- އެފްޑީއައި މެގަޒިން

އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އިރާޖު ހަރިރުޗީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

އިރާންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ހަރިރުޗީ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަކީ އީރާނުގައި ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެއް ކަން ފާހަގަކޮށްފަ އެވެ.

ޓުވިޓާގައި ހަރިރުޗީ އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުނީ، މި ބަލިން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ބުދަ ދުވަހު އީރާނުން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގައި 95 މީހަކު ވައިރަހަށް ޕޮޒިޓިވްވެ އޭގެ ސަބަބުން 16 މީހަކު ވަނީ މަރުވެފަ އެވެ. އީރާނަކީ ކޯވިޑް-19ގެ ސަބަބުން ޗައިނާއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމެވެ.

އީރާނުގައި ހަލުވި ކަމާއެކު ވައިރަސް ފެތުރުމާ ގުޅިގެން، އަވަށްޓެރި ތުރުކީ، ޕާކިސްތާން، އަފްޣާނިސްތާން އަދި އަރުމީނިއާއިން ވަނީ އެގައުމުތަކާ ގުޅޭ އީރާނުގެ އެއްގަމު ބޯޑަރު ބަންދުކޮށްފަ އެވެ. އަދި އަރުމީނިއާ އާއި އަފްޣާނިތާނުން ވަނީ އީރާނަށް ކުރާ ވައިގެ ދަތުރުތައް ވެސް ހުއްޓާލަން ނިންމާފަ އެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,707 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 2,664 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.