ކޮރަލް ފެސްޓިވަލްގައި ރައީސް ބައިވެރިވެވަޑައިގެންފި

ކޮރަލް ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައި/ ފޮޓޯ- ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮރަލް ފެސްޓިވަލް 2020 ގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ. މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމް.ސީ.އައި.) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ފެސްޓިވަލް އޮތީ މިއަދު ކ. ތުލުސްދޫގައެވެ.

‎މި ފެސްޓިވަލުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައި، މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ ދެ ޕެނަލް ޑިސްކަޝަނެއް ބައްލަވައިލެއްވިއެވެ. އަދި، ފެސްޓިވަލްގައި ހިމެނޭ ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެމަނިކުފާނުވަނީ ސްޓޯލްތަކުގައި ބަހައްޓާފައިވާ ރާއްޖޭގެ ސަޤާފަތް ރަމްޒުކޮށްދޭ ބައެއް އުފެއްދުންތައް ބައްލަވައިލައްވާފައެވެ.

‎އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފެސްޓިވަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން އަޙްމަދު ނަސީމާއި މުޙައްމަދު ޝިފާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

‎މި ފެސްޓިވަލުގައި، އިންސާނުންގެ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންސާނުންގެ ދެމިތިބުމަށް ކުރާ އަސަރުގެ މައްޗަށް އަލިއަޅުވައިލާ ޢިލްމީ ބަހުސްތަކެއް ކުރިޔަށްގެންގޮސްފައިވެއެވެ. އަދި ޚާއްޞަގޮތެއްގައި ކަނޑުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އަލިއަޅުވައިލާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *