އިބްތިހާލަށް އަނިޔާކުރިއިރު އެންމެ ފަހުންވެސް ގޮވާލީ "މަންމާއޭ" ކިޔާފައި: އާފިޔާ

މުހައްމަދު އިބްތިހާލް އަދި ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު-

ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލި މުހައްމަދު އިބްތިހާލު އަށް އަނިޔާ ކުރަމުން ދިޔައިރު "މަންމާއޭ" ކިޔާ އިބްތިހާލު ގޮވާލި ކަމަށް އިބްތިހާލުގެ މަންމަ މުހައްމަދު އާފިޔާ ތަހުގީގަށް ދިން ބަޔާނުން ހާމަވެއްޖެއެވެ.

އިބްތިހާލު މަރާލުމުގެ ދައުވާ ދައުލަތުން އިބްތިހާލުގެ މަންމަ އާފިޔާއަށް އުފުލާފާއިވާއިރު ދެ ދައުވާއެއް އާފިޔާގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމުގައި ވަނީ މައްސަލައަށް ހުކުމް އިއްވުމުގެ ކުރިން ހުލާސާ ބަޔާން އިއްވާފައެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އާފިޔާ ދައުވާއަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ބުނީ ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފެއް ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އެ އިއުތިރާފަކީ ރުޖޫއުވެވިދާނެ އިއުތިރާފެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މީގެއިތުރުން ދައުލަތުން ބުނީ މި މައްސަލާގައި ގާނޫނު އަސާސީގެ ދަށުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރި ކަމަށް ދައުލަތަށް ގަބޫލު ކުރެވޭކަން ފާހަގަކޮށްފައިވާއިރު ދައުލަތުން ވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަ ހުރި ކަމަށް ބުނެ އާފިޔާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ.

ޑޮކްޓަރުންގެ ރިޕޯޓުތަކަށް ރިއާޔަތްކޮށް ދައުލަތުން ބުނީ އާފިޔާގެ ނަފްސާނީ މައްސަލަތަކެއް ނޫޅޭ ކަމަށް ނަފްސާނީ ޑޮކްޓަރ އާއިޝަތު އަލީ ނާޒުގެ ހެކިބަހުންވެސް އެނގިގެންދާ ކަމަށެވެ. އަދި އާފިޔާއަކީ ހަމަ ބުއްދި ފިލައިގެންދާ ވަރުގެ މީހެއް ނޫން ކަމަށާއި ކޮންމެވެސް ވަރަކަށް ނަފްސާނީ މައްސަލަތައް ހުރި ނަމަވެސް އާފިޔާގެ ވިސްނުމުގެ ތޫނުފިލިކަމާއި، ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި އާފިޔާގެ ގައިގައި އެބަހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އާފިޔަ ތަހުގީގަށް ދިން ބަޔާން އިއްވަމުން ބުނީ އިބްތިހާލު މަރުވި ދުވަހު އިބްތިހާލު އޮތީ އާފިޔާގެ އެހެން ދަރިޔަކާއި އެކުގައި ނިދަން ކަމަށެވެ. އަދި އިބްތިހާލު ނިދަން އޮއްވާ ނޭވާ ހާސް ކުރުމުގެ ގޮތުން ކަރުގައި ހިފި ކަމަށެވެ. އަދި އެވަގުތު ކަރުން ލޭ އައި ކަމަށާއި ލޭ އަދި އެވަގުތު އިބްތިހާލު މަޑުމަޑުން "މަންމާއޭ" ކިޔާ ގޮވާލި ކަމަށް އިބްތިހާލުގެ މަންމަ އާފިޔާ ތަހުގީގަށް ދިން ބަޔާނުގައިވެއެވެ.

އިތުރަށް އެ ބަޔާނުގައި އާފިޔާ ބުނީ އިބްތިހާލުގެ ހަށިގަނޑުން ހަރަކާތް ހުއްޓުމުންވެސް އޭނާއަށް އަނިޔާކުރި ކަމަށެވެ. އެގޮތުން އާފިޔާގެ ފައިން އިބްތިހާލުގެ ގައިގައި ތެޅި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭރު އިބްތިހާލުގެ ހަރަކާތެއް ނެތް ނަމަވެސް އަނެއްކާވެސް އިބްތިހާލުގެ ދަތްދޮޅިދަށުގައި ގޮއްމުށުން ޖެހި ކަމަށާއި، އޭރު މަޑުމަޑުން ކުކުރާލުން ފިޔަވައި އިބްތިހާލުގެ އެއްވެސް ހަރަކާތެއް ނެތްކަން އާފިޔާ ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ އާފިޔާގެ ބަޔާނަށް ބުރަނުވުމުގެ ގޮތުން ގިނަ އަދަދެއްގެ ކިތާބީ ހެކި ޝަރީއަތަށް ހުށަހަޅާފައެވެ. މިއަދުގެ ޝަރީއަތުގައި އާފިޔާ ވަނީ އެއްވެސް ކުއްޖަކު ގަސްތުގައި ނުމަރާ ކަމަށް ބުނެފައެވެ. އަދި ޑޮކްޓަރުންގެ ރިޕޯޓުތަކަކީ ހުސް ވާހަކަތަކެއް ކަމަށްވެސް އޭނާ ބުންޏެވެ. މި މައްސަލާގައި އާފިޔާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *