އައްޑޫސިޓީ ކައުންސިލްގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ލައިވް ކުރަނީ!

އައްޑޫސިޓީ ކައުންސިލްގެ ބައްލުވުމެއްގެ ތެރެއިން/ ފޮޓޯ- އައްޑޫސިޓީ ކައުންސިލް އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ލައިވް ކުރަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ބުނީ، އެކައުންސިލްގެ މިއަހަރުގެ ހަތްވަނަ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 11 ޖަހާއިރު އޮންނާނެ ކަމަށެވެ. އަދި އެޖަލްސާ ލައިވްކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލްގެ މި ބައްދަލުވުމުގައި މިއަހަރުގެ ހަތް ވަނަ ރަސްމީ ޖަލްސާގެ އެޖެންޑާ ފާސް ކުރުމުގެ އިތުރަށް، މި އަހަރުގެ ހަވަނަ ރަސްމީ ޖަލްސާގެ ޔައުމިއްޔާ ފާސް ކުރުން އޮންނާނެއެވެ. އަދި ކުއްލި މައްސަލައިގެ ގަރާރަށް ބަހުސް ކުރުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި، އައްޑޫސިޓީން ދޫކުރެވިފައިވާ ފްލެޓްތަކުގެ އަސާސީ ޚިދުމަތްތައް ޤާއިމު ކުރުމުގައި ލަސްތަކެއް ދިމާވުމުން ފްލެޓް ތަކުގެ މަހު ފީ ނެގުން ފަސް ކުރުމާއި މެދު ގޮތެއް ނިންމުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ހުށަހަޅާ މައްސަލަ ބަހުސްކުރުން ހިމެނެއެވެ.

އަދި ޕްލޭނިންގ ސެކްޝަންގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަވަށުން ދޫކުރެވިފައިވާ ފްލެޓްތަކަށް އެކަށީގެންވާ ޢަދަދަށް މީހުން ކުރިމަތިލާފައި ނުވުމުން ފްލެޓް ތައް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތެއް ނިންމުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން
ހުށަހަޅާ މައްސަލައަށް ބަހުސް ކުރުން ހިމެނެއެވެ.

އަދި ރައްޔިތުންގެ ފަރާތުން ހުށަހަޅާ މައްސަލަތަކާއި އަވަށު އޮފީސްތަކުން ހުށަހަޅާ މައްސަލައިގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ދާއިމީ ކޮމިޓީގެ އަވަށު ބޯޑު ތަކުން ހުށަހަޅާ މައްސަލައަށް ބަހުސް ކުރުންވެސް ހިމެނެއެވެ.

ޑިވިޝަން ސެކްޝަންތަކުން ހުށަހަޅުއްވާ މައްސަލަތަކުގެ ތެރޭގައި، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް ފާސްކޮށްދިނުން ހިމެނެއެވެ.

އަދި މީދޫ އަވަށު ނަލަފެހި ޖަމްޢިއްޔާއިން ތަރައްޤީ ކުރެވިފައިވާ ފިނިމައިޒާން ސަރަހައްދަށް ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ހުށަހަޅާ މައްސަލިގެ އިތުރުން، ކައުންސިލްގެ އޮފީސްތަކާއި މިސްކިތްތަކުގެ ކަރަންޓް އަގު ހެޔޮ ކުރުމަށްޓަކައި ސޯލާއިން ކަރަންޓް އުފެއްދޭނެ ނިޒާމެއް ޤާއިމު ކުރުމާއި ގުޅޭ މައްސަލައާއި މެދު ބަހުސްކުރުން ހިމެނެއެވެ.

އަދި އައްޑޫސިޓީ ކައުންސިލްގައި ހުރި ބައެއް މަޤާމްތައް ހުސްވެފައިވުމާއި ގުޅިގެން އެ މަޤާމްތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ނެތި ޚިދުމަތް ދިނުމަށް ދަތިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުންވެސް މި ބައްދަލުވުމުގެ ތެރޭގައި ހިމެނެއެވެ.

އަދި އެންމެ ފަހު ކަމަކަށް ކައުންސިލަރުން ހުށަހަޅާ މައްސަލައިގެ ތެރޭގައި، ވިޔަފާރި އުޞޫލުން ސަރުކާރުން ހިންގާ ކުންފުނިތަކަށް ރަށްރަށުން ދޫކުރެވިފައި ހުންނަ ބިންތަކަށް ކަނޑައެޅޭ އުޞޫލުގެ ތެރެއިން ކުލިނެގޭނެ އިންތިޒާމް ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން ހިމެނެއެވެ. އަދި އައްޑޫސިޓީ ހިތަދޫގައި ޖުވެއިނަލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ ހާފްވޭ ހައުސްއެއް ޤާއިމު ކުރުމަށް ބިމެއް ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުންވެސް މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.