އިސްލާމްދީނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގައި އަންނަނީ ހިންގަމުން: މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި އެކި ރަށްތަކުގައި އިސްލާމްދީާއި ހިލާފު ވޯކްޝޮޕްތަކެއް ހިންގަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށް ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއެއް އަކުން އައްޑޫ ސިޓީގައި ވޯކްޝޮޕެއް ހިންގަމުންދާ ކަމަށާއި އެ ޖަމިއްޔާއަކީ އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާތީ މިނިސްޓްރީއިން އެކަން ބަލަމުންދާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިއަށްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް އެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ. އެގޮތުން ހދ. ހަނިމާދޫގައިވެސް އެފަދަ ވޯކްޝޮޕްތަކެއް ކުރިޔަށްދާ ކަމަށާއި އެ ވޯކްޝޮޕްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ)ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ އޭނާއަށް އަންނަނީ ފާޑުކިޔުންތައްވެސް އަމާޒުވަމުންނެވެ.

ގަޕޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ރަށުގައި ހުންނަވަނިކޮށް ސެމިނާއަކަށް ދިއުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ނަމަވެސް އެ ސެމިނާގައި އިސްލާމްދީނާއި ހިލާފު އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި އެ ސެމިނާއަށް އެރަށުންވެސް ގިނަ އަދަދެއްގެ މީހުން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އަމަލުތައް ހިންގާ މީހުންނަށް ޖާގައެއް ނުދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ފަތުރާ މީހުންނަށްވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.