ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރު ދެ މައްސަލައެއްގެ ތަހުގީގަށް މާދަމާ ފުލުހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ އިތުރު ދެ މައްސަލައެއްގައި މާދަމާ މެންދުރު 14:00 ގައި ފުލުހުންގެ ތަހުގީގަށް މާލެ ހާޒިރުކުރާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސަރުކާރުން ޖަހާހާ ބެރަކަށް ނަޝާ ބައެއްކަމުގައި ވެނިމިއްޖެ ކަމަށާއި، ދިވެހި ގައުމަށް ގަނޫނު އަސާސިގެ ދަށުން މިނިވަން މުއައްސަސާތައް ލިބޭނީ ކޮން ދުވަހަކުންތޯވެސް ޑރ. ޖަމީލް ސުވާލު އުފެއްދިއެވެ.
Raees Yameen ithuru dhe massala ey gai maadhamaa 2 Jahaa irah police thahqeeqah Male ah haaziru kuraane kamah dhenme angaifi. @PoliceMv akee sarukaarun jahaa haa berakah nashaathanakah ve nimihjje.Dhivehi Qawmah QA ge dhashun minivan muvahssasaathah libeynee kondhuvahakun baa?
— Mohamed Jameel Ahmed (@MJameelAhmed) February 26, 2020
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން އަންގަވާފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް ބުނެ ހައިކޯޓުން ނެރުނު އަމުރު މުރާޖާ ކޮށްދޭން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުން އެކޯޓުން ބަލައި ނުގަންނަންވަނީ ނިންމަވާފައެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ ކަފާލަތް ނުދިން އަމުރު ރިވިއު ކުރާނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށެވެ. އެހެންކަމުން އެކަން މުރާޖާ ކުރަން ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނަން ވަނީ ނިންމާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.