ކައުންސިލް އިންތިހާބުގަ ރައްޔިތުން އެދޭ ފަދަ ބަދަލެއް ފެންނާނެ: އަފްޝަން

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް/ ފޮޓޯ- އެމްޑީޕީ ޓުވީޓާ

ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިހާބުގަ ރައްޔިތުން އެދޭ ފަދަ ބަދަލެއް ފެންނާނެކަމަށް އެމްޑީޕީ ކައުންސިލް އިންތިހާބުގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކެމްޕެއިން އޮފީހުގައި މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ، މާލެސިޓީ ކައުންސިލްގެ ޖަލްސާތައް އާއްމުންނަށް ފެންނަގޮތް ހަދާފައިވާކަމަށާއި ކައުންސިލުން ކުރާ ކަންކަން ހާމަކަމާއިއެކު ފެންނަން ފެށުމާއިއެކު ރައްޔިތުންނަށް ވާނުވާ އޮޅުންފިލަމުން ދާނެކަމަށާއި ކައުންސިލްތައް ބާރަށް ހިގަންފެށިތަން ފެނިގެން މިދަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކުރި ތާއިދާއިއެކީ ލިބުނު ސުޕާރ މެޖޯރިޓީން ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ހެޔޮބަދަލާއި އެކީގައިކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު ބަދަލާއިއެކީ ކޮންމެ ރަށަކަށް ބާރުވެރިކަމާއި މާސިންގާ ބަޖެޓެއް ލިބިފައިވާކަމަށާއި ހުރިހާ ބަދަލެއްގެ ޝުކުރުވެރިންނަކީ އެޖެންޑާ 19 އަށް ވޯޓުދެއްވި ރައްޔިތުންކަމަށެވެ.
ބޮޑު ބަޖެޓަކާއި ބާރުތައް ލިބިފައިވާ ކައުންސިލުން ރައްޔިތުންގެ ހުރިހާ ކަމަކަށް ޙައްލު ހޯދައި ދޭނެކަމުގެ އުންމީދު އެބައޮތްކަމަށާއި، މިކަން މިމަގުން ހިންގުމަށް އެމްޑީޕީއަށް ވޯޓު ދިނުމަށް އަފްޝަން އެދިވަޑައިގަތެވެ.

ކުރީގެ ސަރުކާރާއި ޚިލާފަށް މިއަދުގެ ސަރުކާރު ފެންނަނީ ރައްޔިތުންގެ ދަތިތަކަށް ހައްލުހޯދައިދީ ރައްޔިތުންގެ އުންމީދުތައް ޙާޞިލްކޮށްދެމުން ގެންދާތަން ކަމަށާއި ކުރީގެ ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި އެއްވެސް ވާހަކައެއްގައި ކުލަޖައްސާދީފައި ނުވާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ މަސައްކަތްތެރިން އަޅުވެތި ކޮށްފައިވާކަމަށާއި ޔާމީންގެ ސަރުކާރުން މަސައްކަތްތެރިން ގެންގުޅުނީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަ ކުރައްވަމުން އަފްޝަން ވިދާޅުވީ، މިއަދު އެމަންޒަރު ނުފެންނަކަމަށާއި އެއާއިޚިލާފަށް މަސައްކަތްތެރިންގެ ޙައްޤު ހޯދައިދިނުމަށް ބާރު ސްޕީޑްގައި މަސައްކަތްތައް ކުރަމުންދާތަށް ފެންނަކަމަށެވެ.

މިސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދަކީ، ކުރާ މަސައްކަތަށް ޙައްޤު އުޖޫރަ ލިބުން ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށާއި، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުޖޫރައާއިގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިކަން ބަލަމުން ގެންދާ ކަމަށާއި، ސަރުކާރާއިއެކު މަޝްވަރާކޮށް ރައްޔިތުންގެ ހުރިހާ ކަންބޮޑުވުމަކަށް ޙައްލުހޯދައި ދިނުމަށް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިލެއްވިއެވެ.
ކުރީގެ ސަރުކާރުން މަސައްކަތެރިންގެ ހުރިހާ ޙައްޤަކަށް އަރައިގަނެފައިވާ ކަމަށާއި ވޯޓު ހޯދުމަށް ދެއްކި އެއްވެސް ކަމަކަށް ޙައްލުހޯދައި ދީފައިނުވާކަން ފާހަގަކުރެއްވިއެވެ. މަސްވެރިންނާއި ދަނޑުވެރިން އަދި ރިސޯޓް މުވައްޒަފުންނަށް ޙައްޤު ހޯދައިދިނުމަށް މަސައްކަތްކުރި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެކަން އެފަރާތްތަކަށް ސާފުވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދައިދިނުމަށް އުޅުނުގޮތަކީ ޖޯކެއްކަމަށާއި މާލޭގެ ގިނަ ރައްޔިތުންނަށް އެތަށް އުދަގުލެއް ޖެއްސުމަށް ފަހު މާލޭގެ ރައްޔިތުން މަގުމަތި ކޮށްފައިވާކަމަށާއި އަލުން މާލޭ ރައްޔިތުން ހައްލާލައިގެން ގުނބޯ ނުހެއްދޭނެކަމަށާއި މާލޭގެ ރައްޔިތުންނަކީ ދުރުވިސްނޭ ބައެއްކަމަށް އަފްޝަން ވިދާޅުވިއެވެ.

2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު ޔާމިންގެ ސަރުކާރުން ގަޑުބަޑު ކޮށްފައިވާކަމަށާއި އޮޅުންތަށް ފިލުވައި ޙައްޤު ހޯދައިދޭނެކަމުގެ ޔަގީންކަން އަފްޝަން ދެއްވިއެވެ. މިހާރުވެސް އެކަމަށް މަސައްކަތް ފެށިފައިވާކަމަށާއި މިކަމަށް ހުރިހާ ފަރާތްތަކަކުން ސަމާލުވެ ލިޔުންތަށް ހަމަކޮށް މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅަމުން ގެންދިއުމަށް އެދިލެއްވިއެވެ.

ލާމަރުކަޒީ ޤާނޫނަށް 19 މަޖިލީހުން ގެނައި ބަދަލުތަކާއިއެކީ ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް މިހާރުވެސް ލިބިފައިވާކަމަށާއި، މަޑުކޮށްގެން ނުތިބެ ޤާނޫނުން ލިބިފައިވާ ބާރުތަކަކީ ކޮބައިތޯ ބަލައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތް މިހާރުވެސް ފެށުމަށް އަފްޝަން އެދިލެއްވިއެވެ. އަދި ޤާނޫނުން ލިބިދިން ބާރު އެނގުން މުހިންމުކަމަށް އަފްޝަން ވިދާޅުވިއެވެ.
ރީރަޖިސްޓްރޭޝަންގެ އެންމެފަހު ތާރީޚަކީ މާދަމާ ކަމަށާއި އެއްވެސް އެހީއެއްބޭނުންނަމަ އެމްޑީޕީ ކެމްޕެއިން އޮފީހުން އެއިންތިޒާމު ހަމަޖެހިފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނަށް ކުރިމަތިލުމުގެ ފުރުސަތު 27 ފެބްރުއަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިރު 877 ކެންޑިޑޭޓުންނަށް މަންދޫބުން ހޯދުމަކީ ބޮޑުކަމެއްކަމަށާއި އެހެންކަމުން މަންދޫބުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ދިއުމަށްއެދޭ އެދުން އަފްޝަން ތަކުރާރު ކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.