އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން: ފޮޓޯ / ހަތާވީސް

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްބާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 9:00ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދުގެ ހަވީރު 16:00އާ ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ކަނޑައެޅުމުގެ އިތުރުން އަންހެނުން ރޫހުގެ ރައީސާއި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށް ވެސް މިއަދުގެ އިންތިހާބުގައި ވޯޓުލާނެއެވެ.

އަންހެނުން ރޫހުގެ ރައީސާގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާ ސަފާތު އަހުމަދު ވާދަ ކުރައްވާއިރު ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަ ކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިންގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.