ރަނިލް އައްޔަންކުރަން ނިންމި ނިންމުން ބަދަލު ކުރެވޭކަން ނެތް: ގޮތަބަޔާ

ލަންކާގެ ރައީސް ގޮތަބަޔާ (ވ) އަދި އެގައުމުގެ އިދިކޮޅު ލީޑަރު ---

ލަންކާގެ އައު ބޮޑުވަޒީރުގެ މަގާމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަން ކުރުމަށް ނިންމި ނިންމުން އިތުރަށް ބަދަލު ކުރެވެން މި ދަނޑިވަޅުގައި ނެތް ކަމަށް ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވި ކަމަށް ލަންކާގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަށެވެ. ލަންކާގެ މީޑިއާތަކުގައި ބުނެފައި ވަނީ އާ ކެބިނެޓްގައި މިނިސްޓީރިއަލް ޕޯޓްފޯލިއޯތައް ބަލައިގަތުމަށް ސަމަގީ ޖަނާ ބާލަވެގަޔާ ތައްޔާރަށް ހުންނެވި ނަމަ ލަސްނުކޮށް އެކަން އަންގަވައިދެއްވުމަށް ދައުވަތު އަރުވާ ކަމަށެވެ.

އިދިކޮޅު ލީޑަރަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރަނިލް ވިކްރަމަސިންހަ އާ ބޮޑުވަޒީރަކަށް އައްޔަން ކުރައްވަން ނިންމެވީ، އެމަނިކުފާނުގެ ރިޔާސަތުގައި އިންތިގާލީ ސަރުކާރެއްގެ ތެރެއިން އެއްވެސް ޒިންމާއެއް އުފުލަން ޕްރޭމަދާސަ ދެކޮޅު ހެއްދެވި ތީ ކަމަށެވެ. އަދި ތަކުރާރުކޮށް ގޮތަބަޔާ ވަނީ އޭނާގެ ނިންމުން ދެން ބަދަލު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

އަދި ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ޙާލަތެއްގައި، ވަޒީރުންގެ މަޖިލިސް ޢައްޔަން ކުރެއްވުން އިތުރަށް ލަސްނުކުރެއްވޭނެ ކަމަށާއި، ވަރަށް އަވަހަށް އެ ނިންމެވުން ހާމަކުރެއްވުމަށް ޕްރޭމަދާސައަށް މައުލޫމާތު ދެއްވި ކަމަށް ލަންކާގެ ނޫސްތަކުގައިވެއެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ރޭ ރައީސް ގޮތަބަޔާ އަށް އަންގަވާފައި ވަނީ ޕްރިމިއާޝިޕް ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.