ޑުރަގުގެ ބޮޑު ދެ “ޑީލަރުން” ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށްފި

130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ދެ މީހުން ---

މަސްތުވާތަކެތީގެ ބޮޑު ދެ ޑީލަރުން ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލި ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހަމަ އެރަށު ވައިލެޓްވިލާ، އަހްމަދު މޫސާ ބޭސް ފަރުވާ އަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފިއެވެ.

އެ ދެ މީހުން ދޫކޮށްލީ މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ނިންމީ އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލުމަށެވެ. އެ މީހުން ބަންދުން ދޫކޮށްލަން ނިންމީ ދެ މަސް ދުވަހަށެވެ. ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމުގައި އެ ދެ މީހުންގެ ފަރާތުން ވެސް ވަނީ ބޭސް ފަރުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ.

މައްސަލަ ބައްލަވާ ގާޒީ އެ ދެ މީހުންގެ ވާހަކަތައް އަޑުއެހުމަށް ފަހު އެ ދެ މީހުން ބަންދުން ދޫކޮށްލަން ނިންމީ ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިނުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތު ކޮށްފައެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލިއެވެ. ނަމަވެސް އަލުން އޭނާ ބަންދުކުރީ ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމުންނެވެ. އަހުމަދު މޫސާ އަށް ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މީގެކުރިން އަމުރު ކޮށްފައެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ މިދިޔަ މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. އަދި ހައިކޯޓުން މީގެކުރިން ޝަހީބް ބަންދު ކުރުމަށް ކޮށްފައިވާ އަމުރު ދަމަހައްޓާ ކަމަށާއި އަދި އަހުމަދު މޫސާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ދަމަހައްޓާ ކަމަށެވެ.

ޝަހީބު ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

ޝަހީބުގެ އިތުރުން އެ މައްސަލާގައި ޖުމްލަ ހަތް މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އެކަމަކު މައްސަލައާ ގުޅިގެން ދައުވާ ކޮށްފައި ވަނީ ހަ މީހެއްގެ މައްޗަށެވެ. ޝަހީބުގެ އިތުރުން ދެން މި މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސް ދައުރެއް އަދާ ކޮށްފައި ވަނީ ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާއެވެ.

ޝަހީބަކީ 2020ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައި ވަނީ ޝަހީބް އިބްރާހިމް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ސަތޭކަ ތިރީސް ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބަށް ވަނީ 75 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.