ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.
އެ ކޯލިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ޔާމީނަކީ ދިވެހި ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެގޮތުން އަދުރޭ ވަނީ ސޯޝަލް މީޑިއާގައި މޯލްޑިވިއަން ޔޫތު ފޯސްގެ ނަމުގައި ހުޅުވާފައިވާ ޓްވީޓާ އެކައުންޓަކުން ހިއްސާ ކުރި ވީޑިއޯއެއްގައި ރައީސް ޔާމީން “ސައިޒު” ކުރާނެ ކަމަށް ބުނެފައިވާ މައްސަލަ ހިއްސާ ކުރައްވާފައެވެ. ޕީޕީއެމް އިން ވަނީ އެރޭ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.
އަދި އޭގެ ދެ ދުވަސް ފަހުން ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް ބަޔަކު އެއްވެ ވަރަށް ގިނައިން އެމަނިކުފާނަށް އިންޒާރު ދީފައިވާ ކަމަށް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ. މިއަދާއި ހަމައަށް އައިއިރު އެއިން އެއްވެސް ކަމަކާއި ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ތަހުގީގެއް ހިންގި ކަމެއް އެނގިފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި ރޭ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ބަޔަކު ވަނީ ސްޕްރޭ ޖަހައިފައެވެ. އެގޮތަށް ބަޔަކު ސްޕްރޭ ޖަހާފައި މިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަން އިން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި “އިންޑިއާ އައުޓް” ޖަހާ ސްޕްރޭ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމިީންގެ ގެކޮޅަށް އެގޮތަށް ހަމަލާ ދެވުނީ އެއީ އެމްއެންޑީއެފުން ދޭންޖެހޭ ވަރަށް ސަމާލުކަން ނުދީ އޮތުމުން ކަމަށެވެ.