ލަންކާގެ ބޮޑުވަޒީރު ކަމަށް އަނެއްކާވެސް ރަނިލް އައްޔަން ކުރައްވައިފި

ލަންކާގެ އައު ބޮޑުވަޒީރު އަދި ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ---

ލަންކާގެ އާ ބޮޑު ވަޒީރަކަށް ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވައިފިއެވެ.

އުމުރުފުޅުން 73 އަހަރުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު އިއްޔެ ލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައާ މަޝްވަރާ ކުރެއްވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މިއަދު ވެސް އެ ދެބޭފުޅުން ބައްދަލުވުން ބޭއްވި ކަމަށްވެއެވެ.

ހަތަރު ފަހަރެއްގެ މަތިން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ވިކްރަމަސިންހަ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރެއްވީ އޭރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ. ނަމަވެސް ދެމަސް ފަހުން ސިރިސޭނާ ވަނީ ބޮޑުވަޒީރުކަމަށް އަލުން އިސްކުރައްވާފައެވެ.

އިންތިގާލީ ސަރުކާރު ހިންގެވުމުގެ އެންމެ އިސް ވެރިޔަކަށް އޭނާ އަށް ޕާޓީތަކުގެ ތާއީދު އެބަ އޮތެވެ.

ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުންނާއި، އިދިކޮޅު މައި ޕާޓީ ސަމާގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ)ގެ ބައެއް މެމްބަރުންނާއި، އިތުރު އެތައް ޕާޓީއަކުންވެސް ވިކްރަމަސިންހައަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތްކަން ހާމަކުރުމަށް ތާއީދުކުރާކަން ހާމަކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔައަށް ބޮޑުބޭބެ ކިޔާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައި، ހުރިހާ ޕާޓީތަކެއްގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް މަގު ކޮށައިދިން ފަހުން މިދިޔަ ދެ ދުވަހު ވެސް އޮތީ ސަރުކާރެއް ނެތި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.