ގާނޫނައި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފިޝަރީޒް މިނިސްޓްރީ އާއި ކަސްޓަމްސްއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއެކުރުން / ފޮޓޯ- ކަސްޓަމްސް

ޤާނޫނާއި ގަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު ތަންފީޒްކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސްއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސް ނޫސްބަޔާނުގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ގާނޫނާއި ގަވާއިދާއި ޙިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމަށްވި އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން މިއެމްއޯޔޫގެ ދަށުން މިނިސްޓްރީއާއި ކަސްޓަމްސްއިން އެއްބަސްވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމާއި، ބޭރުގެ މަސްބަރުކުރާ ކެރިއަރުތަކުން މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓުތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނީޓާކުރުން ހިމެނެއެވެ. އަދި އިންސްޕެކްޝަން އޮފިސަރުންނަށް ބޭނުންވާ ތަމްރީން ފޮރުކޮށްދިނުމާއި ކަމާގުޅޭ މައުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އަދި އެ ގަވާއިދުގެ ދަށުން މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށްވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، މަސްއުފުލާ ކެރިއަރު ނުވަތަ " ރީފަރ ވެސަލް" ފަދަ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލް އަގްވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް، މަގުފަހިވުން ކަމަށެވެ.

އެގޮތުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނާއި ގަވާއިދާއި ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *