ރާޖަޕަކްސަ ފިލާފާނެ ކަމަށް ބަލާ، އެއާޕޯޓަށް ދާން އޮންނަ މަގުތަކުގައި އާއްމުން ފޯރިމަރަނީ

ލަންކާގެ އެއާޕޯޓަށް ދާން އޮންނަ މަގެއް ބަންދު ކޮށްފައު ---

ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އާއިލާ ގައުމު ދޫކުރައްވާފާނެ ކަމަށް ބަލާ ލަންކާގެ އެއާޕޯޓަށް ދާން އޮންނަ މަގުތަކުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ބައިވެރިން ޗެކްޕޮއިންޓުތަކެއް ގާއިމްކޮށްފިއެވެ.

ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި ލަންކާގެ ބޮޑުވަޒީރުގެ މަގާމުން ރާޖަޕަކްސަ އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެދިވަޑައިގެންފައިވާ ކަމަށް ލަންކާގެ މީޑިއާތަކުގައި ރިޕޯޓު ކުރިތާ ދެވަނަ އަށްވީ ދުވަހެވެ.

މިދިޔަ ހުކުރު ދުވަހު ބޮޑު ވަޒީރާއި ކެބިނެޓް މިނިސްޓަރުންނާއެކު ރައީސް ގޮތަބަޔާ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ސްރީލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި އެ ކަމަށް ހައްލު ގެނެވޭނެ ނަމަ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް މަހިންދަ ވިދާޅުވި ކަމަށްވެއެވެ. އެ ބައްދަލުވުމުގައި ގޮތަބަޔާ މަހިންދަ އިސްތިއުފާ ދެއްވަން އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަންކާގެ މުޒާހަރާތައް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. މުޒާހަރާތައް ހޫނުވެގެން ދިޔައީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާއި ދިމާ ކުރަން ފެށުމުންނެވެ.

މުޒާޙަރާގެ ބައިވެރިން އަންނަނީ ރާޖަޕަކްސަގެ އާއިލީ ބޭފުޅުންގެ އިތުރުން ރާޖަޕަކްސަ އަށް ވަފާތެރި ފަރާތްތައް ވެސް ގައުމުން ބޭރުވެދާނެ ކަމަށް ބަލައިގެން އެމީހުންނަށް ފާރަލަމުން ކަމަށް ބައެއް މީޑިއާތަކުގައިވެއެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ރާޖަޕަކްސަ އާއި އާއިލާގެ ބޭފުޅުން ތިއްބެވި ތަނެއްގެ މައުލޫމާތު ލިބުމާއެކު އެތަނަކަށް ގޮސް މުޒާހަރާ ކުރަމުންނެވެ. އެގޮތުން ސްރީލަންކާގެ ޓްރިންކޮމަލީ ނޭވަލް ބޭސް ކުރިމަތީގައި ވެސް މުޒާހަރާތައް ކުރިޔަށް ގެންދިޔައެވެ. އެ މުޒާހަރާ އެތަނުގައި ފެށުނީ ކޮލަމްބޯގައި ހުންނަ ރަސްމީ ގެކޮޅުން ނުކުމެވަޑައިގެން، ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި، އޭނާގެ އާއިލާގެ ބައެއް މެމްބަރުން އެތަނުގައި ތިއްބެވި ކަމުގެ ރިޕޯޓްތަކެއް ފެންމަތިވުމާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.