ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ތައްޔާރުކުރި ބައިބަލާ ރިންގުގައި، ބައިބަލާ މެޗުތައް ފަށައިފިއެވެ.
ބައިބަލާ މުބާރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރު ކަމަށްވާ އާރްޑީސީ އިން ވަނީ ބައިބަލާގެ މެޗުތައް ކުޅޭ ސަރަހައްދު ވެސް ތައްޔާރު ކޮށްދީފައެވެ. އެގޮތުން ބައިބަލާ މެޗުތައް ކުޅޭ ވައްބުރުގައި ދޮންވެލި ލާފައި ވަނީ ވެސް އާރްޑީސީ އިންނެވެ.
އާރްޑީސީ އިން ތައްޔާރުކުރި ރިންގު މިރޭ ބައިބަލާ އެސޯސިއޭޝަންއާ ވަނީ ހަވާލު ކޮށްފައެވެ. އާރްޑީސީގެ ފަރާތުން ރިންގް ހަވާލު ކޮށް ދެއްވީ އާރުޑީސީގެ ސީއެފްއޯ ޔާސިރު ހަސަނެވެ.
ކޮވިޑް19 ގެ ސަބަބުން 2019ވަނަ އަހަރު ބައިބަލާ މުބާރާތް މެދުކަނޑާލި ފަހުން މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 34 ޓީމަކުން ބައިވެރިވާއިރު ހާހަކަށްވުރެ ގިނަ ކުޅުންތެރިން މި މުބާރާތުގައި މިފަހަރު ބައިވެރިވެއެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހުން ފެށިގެން މާލޭގައި ހިނގަމުން އަންނަ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ބައިބަލާ އެސޯސިއޭޝަން އިން ވަނީ ހަތަރު ޓީމެއް ޑިސްކޮލިފައި ވެސް ކޮށްފައެވެ.