ދައުލަތުގެ ވަސީލަތް ނަޝީދު ބޭނުންކުރާ މައްސަލަ ބަލަންޖެހޭ: ޑރ. ޖަމީލް

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ހަފްލާތަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަ ބަލަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ، ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ބައިވެރިވެވަޑައިގެންނެވި ރަސްމީ ހުރިހާ އިވެންޓުތަކެއް ވެސް ހިލޭ ލައިވްކުރާ ގޮތަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ހަމަޖައްސައި އެ އުސޫލަށް އަމަލުކުރަން ފަށެމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ނެވެ.

އޭގެއިތުރުން ރައީސް ނަޝީދުގެ އަމިއްލަފުޅު އެކި ހަރަކާތްތަކުގައި ދައުލަތުގެ މީޑިޔާއާއި ވަޒީރުން ބޭނުންކުރައްވާ މައްސަލައަކީ އޭސީސީއިން ތަހުގީގުރަންޖެހޭ ކަމެއް ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ. ޑރ. ޖަމީލު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އުފައްދަވާފައިވާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ، ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން އިއްޔެ ތުލުސްދޫގައި ކުރިއަށް ގެންދިޔަ ކޮރަލް ފެސްޓިވަލުގައި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތުމާއި ގުޅިގެން އެކަމަށް އިޝަރާތް ކުރައްވައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ފެސްޓިވަލުގައި ރައީސް ސޯލިހްގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ އިތުރުން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ- މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް

ޑރ. ޖަމީލް މިހެން ވިދާޅުވެފައިިވާއިރު، ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި ޓިކެޓަށް ހަރަދުކުރެއްވި ފައިސާގެ ތެރެއިން 444 ރުފިޔާއަކީ އެމަނިކުފާނު އިތުރަށް ކުރެއްވި ހަރަދެއްގެ ގޮތުގައި ބަލައި އެ ފައިސާ ހޯދަން މަޖިލީހުގެ އިދާރާއަށް އޭސީސީއިންވަނީ އަންގާފައެވެ. އަދި އެ ފައިސާ މެންބަރުން ދެއްކެވުމަށްވެސް ރައީސް ނަޝީދުވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހަށް އޭސީސީން އަންގާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި އޮތް “ދެކުނު މަހާސިންތާ” ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަަރަދު ކޮށްފައިވަނީ 1222 ރުފިޔާ ކަމަށެވެ.

އަދި މަހާސިންތާ ނިންމާލުމަށްފަހު މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުގައި ބައިވެރިވީ އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރުން ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ދެކުނު މަހާސިންތާ ގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހު ރައީސް ނަޝީދު އަމިއްލަ ބޭނުމެއްގައި ފުވައްމުލަކާއި އައްޑުއަށް ވަޑައިގަތުމުން ޓިކެޓު ޚަރަދަށް އިތުރު 444 ރުފިޔާ އަރާފައިވާ ކަން ފާހަގަކޮށް އޭސީސީން ވަނީ އެފައިސާ ދެއްކެވުމަށް ރައީސް ނަޝީދަށް އަންގަވާފައެވެ.

ނަމަވެސް އެ ފައިސާ ދެއްކެވުމުގެ ބަދަލުގައި، ވަކީލުންނާއި އެހެނިހެން ބޭފުޅުން ހޯދުމަށް މާ ގިނަ ފައިސާ ހަރަދު ވާނެތީ ނަޝީދު ވަނީ މަޖިލީހުގެ މެންބަރުން އެމަނިކުފާނުގެ މަތިން އެ ފައިސާ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސް ނަޝީދުގެ ބަދަލުގައި އެ ފައިސާ ދައްކަވާނީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.