މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ޖުމްލަ އާމްދަނީ ހަތަރު ބިލިއަން ރުފިޔާއަށް

އެސްޓީއޯގެ ހެޑް އޮފީސް: ފޮޓޯ / ރާއްޖެ އެމްވީ

ނިމިދިޔަ ކުއާޓަރުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް މިއަދު އެކުންފުނީގެ ވެބްސައިޓުގައި އާއްމު ކޮށްފައެވެ.

މި ކުއާޓަރުގައި ލިބުނު އާމްދަނީ އަކީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 23 އިންސަައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައިވުމެވެ. އަދި އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުން ކަމަށްވެސް އެސްޓީއޯ އިން ބުންޞެވެ.

އެސްޓީއޯ އަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު، 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވިނަމަވެސް، އެ ނިސްބަތުން އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައިނުވާނެ ކަމަށް އެކުންފުނިން ބުންޏެނެ. ހަމަމިއާއެކު، ރަމަޟާން މަހަށް ހާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް، ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އިސްކަމެއް ދެވިފައިވާނެ ކަމަށްވެސް ބުންޏެވެ. އެއާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެމުން ގެންދިޔަ ހިދުމަތްތައް ފުޅާކޮށް، ތަފާތު މުދަލާއެކު، މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހު އައު ޑިޕާޓްމަންޓް ސްޓޯއެއް ވަނީ ހުޅުވިފައިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޕްރޮވިޝަން އިތުރުވެފައިވުން ކަމަށް އެކުންފުނިން ބުންޏެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އާއި އަޅާބަަލާއިރު 14 އިންސައްތައިގެ އިތިރުވުމެކެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިވަރު ބޮޑު ފައިދާއެއް ވާއިރުވެސް ތެލުގެ އަގު ދައްނުކުރާތި.. ދެންހުރިހާއެންމެން ޓެކުސީ ޑުރައިވަރުންގެ ދުފައި އެއްޗިސްސޭ.. އަހަރުމެން ނަށް ރަށަށް ވެސްދެވެނީ އެހާމެ ބޮޑު އަގު ދީގެން ލޯންޗު ފެރީ މީހުންބުނަނީ ތެލުގެ އަގު ބޮޑުވީމައި ޓިކެޓް އަގު ކުޑަކޮއްދެވޭކައް ނޯވެޔޯ.. ނަމުގައި ރަޔްޔިތުންގެ ކުންފުނި.. ކަމުގައި ވެރިންގެ އަންބޮނޑިޔައް. އެސްޓީއ މާޓުން ގިނައެއްޗިހި އަގުބޮޑު.. ރަޔްޔިތުންގެ ވިޔަފާރިޔޯލަ… އައްޗޭސް

ހިޔާލު ދެއްވާ!

Your email address will not be published.